ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް

Author
ހުސައިން
16 ޖުލައި 2025 03:02
0

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1,195,693 އަށް އަރައިފި އެވެ. މިއީ 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.5 ޕަސެންޓް ކުރިއެރުމެކެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގައި ރާއްޖެއަށް 998,330 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު 1,092,367 އަށް އުފުލިފައިވެއެވެ. މި އަހަރުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ހަލުވި ކަމާއެކު ކުރިއަށް ދަނީ އެވެ.

ޗައިނާ މާކެޓުން 163,370 ފަތުރުވެރިން ޒިޔާރަތްކޮށް، މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވި ޤައުމުގެ ގޮތުގައި ހިމެނިފައިވާއިރު، ރަޝިއާ 139,388 ފަތުރުވެރިންނާއެކު ދެވަނަ ތަނުގައި އޮވެއެވެ. ދުވާލަކު އެވްރެޖްކޮށް 6,100 ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިސްކަންދޭ ތަންތަނުގެ ތެރޭގައި ރިސޯޓްތައް އެންމެ ކުރީގައި އޮވެއެވެ. ޖުމްލަ 869,932 ފަތުރުވެރިން ރިސޯޓްތަކުގައި ހުރިއިރު، 266,388 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މިހާރު 1,227 ތަން ހިމެނޭއިރު، އޭގެ ތެރޭގައި 175 ރިސޯޓާއި 877 ގެސްޓްހައުސާއި 159 ސަފާރީ އަދި 16 ހޮޓާ ހިމެނެއެވެ. މި ތަންތަނުގައި ޖުމްލަ 64,373 އެނދު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރުވެފައި ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.