ބްރޯޑް ކޮމްގެ ކުރީގެ އެސްޖީ ޒީނިޔާ ވަކިކުރި މައްސަލައިގައި ވަގުތީ އަމުރެއް ހައި ކޯޓުންވެސް ނުދިން

ބްރޯޑް ކޮމްގެ ކުރީގެ އެސްޖީ ޒީނިޔާ ވަކިކުރި މައްސަލައިގައި ވަގުތީ އަމުރެއް ހައި ކޯޓުންވެސް ނުދިން

Author
ހުސައިން
14 ޖުލައި 2025 08:27
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަމުން ވަކިކޮށްފައިވާ މަރްޔަމް ޒީނިޔާ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދވެން ނެތްކަމަށް ހައިކޯޓުންވެސް މިއަދު ނިންމައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލަ ނިމެންދެން އެސްޖީގެ މަގާމަށް އައު މީހަކު ނުނެރުމަށް އެދި ޒީނިޔާ ހުށަހެޅި މައްސަލައިގައި، ޓްރައިބިއުނަލުން ވަގުތީ އަމުރެއް ނުދިން ނަމަވެސް، އެ ނިންމުން އިސްތިއުނާފުކޮށް ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުން ވެސް ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅާފައެވެ.

މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު ޒީނިޔާ ވަޒީފާއިން ވަކިކުރި ސަބަބަކީ، ބްރޯޑްކޮމްގެ ގާނޫނީ ޒިންމާތައް އަދާކުރުމުގައި އިހުމާލުވުމާއި، ކޮމިޝަން ހިންގުމުގައި ފަރުވާކުޑަކުރުމާއި، ކޮމިޝަންގެ ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދިނުން ކަމަށް ބްރޯޑްކޮމުން ބުނެއެވެ. މީގެ އިތުރުން ކޮމިޝަންގެ ނިންމުންތަކަށް އިހްތިރާމް ކުޑަކުރުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ވަޒީފާއިން ވަކިކުރުމުގެ ކުރިން، މޭ މަހުގެ 20 ވަނަ ދުވަހު ޒީނިޔާ ތިން ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރިކަން ފާހަގަކުރެވެއެވެ.

އެސްޖީގެ މަގާމަށް މިހާރު ވަނީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އައްޔަންކޮށްފައެވެ. ޒީނިޔާ ވަކިކުރި ހަމަ އެ ދުވަހު، މޭ 25 ގައި ޔާމީން އިދްރީސް އެ މަގާމާ ހަވާލުވެފައިވާއިރު، ޒީނިޔާގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އަދިވެސް ކުރިއަށްދަނީ ކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.