ގޮތް ނޭގޭ މަރުތައް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމުގައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އއ. މާޅޮހުގައި ހިނގައިދިޔަ ރަހުމް ކުޑަ މަރުގެ ހާދިސާއާއި ގުޅިގެން އެއާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މި އެކްސް ޕޯސްޓުގައި ޝާހިދުވަނީ މި މައްސަލާގެ އެންމެ ފުނަށް ވާސިލުވުމަށްޓަކައި ފުރިހަމަ ތަހުގީގެއް ކުރުމަށް ކަމާގުޅޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
މާޅޮހުގައި އަނިޔާވެރިކޮށް މަރާލާފައި ވަނީ އެރަށު އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމްއެވެ. އޭނާ މަރާލާފައި ވަނީ ދަންވަރުގެ ވަގުތެއްގައި ކޮޓަރިއަށް ވަދެ ބޮލަށް ހަމަލާދީގެންނެވެ. އަބްދުއްރަޙްމާން ނިދާ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ އަނބިމީހާއަށެވެ. އާއިލާއިން މައުލޫމާތު ދިންގޮތުގައި އަބްދުއްރަޙްމާންގެ ބޮލަށް ދިން ހަމަލާއާއެކު މުޅި ކޮޓަރިތެރެ އޮތީ ލެއިން ފުރިފައެވެ. އަބްދުއްރަޙްމާން މަރުވީ ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާއާއި ގުޅިގެން، އަބްދުއްރަޙްމާންގެ އާއިލާއަށް ލިބުނު ހިތާމާގައި ބައިވެރިވެވަޑެން، އަބްދުއްރަޙްމާނާއި އެ އާއިލާއަށް ހެޔޮދުއާ ކުރައްވައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ ގޮތް ނޭނގޭ މަރުތައް އިތުރުވަމުން އަންނަކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"މިފަދަ ގޮތް ނޭނގޭ މަރުތައް އިތުރުވަމުން ދާ ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެއް. މި މަރުގެ ހާދިސާ ފުރިހަމަޔަށް ތަޙުޤީގުކޮށް, ޙާދިސާގެ އެންމެ ފުނާއިހަމައަށް ވާސިލްވުމަށް ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް މިފުރުސަތުގައި ގޮވާލަން." ޝާހިދު ވިދާޅުވިއެވެ.
އަބްދުއްރަޙްމާނަށް ދިން ރަހުމްކުޑަ ހަމަލާއާއި ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. ފުލުހުން ބުނީ މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ