މިރޭ މާލޭގެ ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ، މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ 17 އަހަރުގެ ދަރިފުޅު އަލްސަން ކަން އެނގިއްޖެއެވެ.
8:10 ހާއިރު ޒިބްރާ ކްރޮސިންގައި ހިނގި މި ހާދިސާގައި، ދުވަން ނުކުމެ އުޅުނު މީހަކު މަގު ހުރަސްކުރަން އުޅެނިކޮށް ވަރަށް ބާރަށް ދުއްވި ސައިކަލަކުން އޭނާގެ ގައިގައި ޖެހިފައިވެއެވެ. މި ހާދިސާގެ ސަބަބުން ސައިކަލު ކޮންޓްރޯލުން ނެއްޓި، އަނެއް ލޭނުން ދުއްވާފައި އައި ޕިކަޕަކަށް އުރައިފައިވެއެވެ.
މި ހާދިސާގައި ޖުމްލަ ތިން މީހުންނަށް އަނިޔާ ލިބިފައިވެއެވެ. އެއީ ސައިކަލުގައި ދަތުރުކުރި 17 އަހަރުގެ އަލްސަން އާއި 16 އަހަރުގެ ކުއްޖަކާއި، މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެކެވެ. ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި، އަލްސަން ވަނީ ހޮސްޕިޓަލުގައި ނިޔާވެފައެވެ.
އެކްސިޑެންޓުގައި އަނިޔާ ލިބުނު އަނެއް ދެ މީހުންގެ ހާލު ވަރަށް ނާޒުކު ކަމަށް ފުލުހުން ވިދާޅުވިއެވެ. މަގު ހުރަސްކުރަން އުޅުނު މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ހާދިސާ ހިނގި ތަން ދުށް މީހުން ބުނެފައިވެއެވެ.
އަލްސަން އަކީ ދިވެހި މިއުޒިކް ދާއިރާގައި މަޝްހޫރު މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅެކެވެ. މި ހާދިސާއިން ލަވަކިޔުންތެރިންގެ އާއިލާއަށާއި ދިވެހި މިއުޒިކް ދާއިރާއަށް ބޮޑު ހިތާމައެއް ލިބިފައިވެއެވެ.
މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑާއި ރޯޑު ސޭފްޓީ ގަވާއިދުތަކަށް އަމަލުނުކުރުމުގެ ސަބަބުން މިފަދަ ހާދިސާތައް ތަކުރާރުވަމުން ދާކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓު ފޮނުވާ