ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ގައުމީ ޒިންމާއެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާ ޓާމިނަލްގެ އެންމެ ފަހުގެ ތަރައްގީތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިޞާދުގެ އަސާސީ ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތު ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި މި މަޝްރޫއުގެ މުހިންމުކަން ބޮޑު ކަމަށެވެ.
ރާއްޖޭގެ ޖީޑީޕީގެ ބޮޑު ބައެއް ފަތުރުވެރިކަމުން ލިބޭއިރު، މިހާރު ބޭނުންކުރާ ޓާމިނަލްގެ ޖާގައިގެ ދަތިކަމުން ފަސިންޖަރުން ދިގު ލައިންތަކުގައި މަޑުކުރަންޖެހުމާއި، އެއާޕޯޓުގެ ޚިދުމަތުގެ ފެންވަރު ދަށްވުމަކީ ސިނާއަތަށް ކުރާ ނޭދެވޭ އަސަރު ކަމަށް ޝަރީފް ގަބޫލުކުރައްވައެވެ.
"މި މަޝްރޫއަކީ ހަމައެކަނި އެމްއޭސީއެލްގެ މަޝްރޫއެއް ނޫން. މިއީ އެންމެހައި ދިވެހިންގެ މަޝްރޫއެއް. އެހެންކަމުން މި މަޝްރޫއު ކާމިޔާބުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
އާ ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި، ކަމާބެހޭ އެންމެހައި މުއައްސަސާތަކުން ދައްކުވާ ޚާއްޞަ އިޚްލާޞްތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވަމުން، ޝަރީފް ވަނީ އެ ފަރާތްތަކަށް ހާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި މުހިންމު ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ރެގިއުލޭޓަރީ އޮފް އޭވިއޭޝަން ސެކިއުރިޓީ، އޭވިއޭޝަން ސެކިއުރިޓީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން، ޕްލާންޓް އެންޑް އެނިމަލް ކުއަރަންޓީން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ޕޯޓް ހެލްތް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެއާލައިން ކޮމިޓީގެ ޗެއާމަން، މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް، އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކާއި އޮރާޓްގެ ކޮންސަލްޓަންޓް ކުންފުނި މޮޑާލިސްގެ ވެރިން ބައިވެރިވިއެވެ.
ކޮމެންޓު ފޮނުވާ