ޔާމީން ރަޝީދު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި މީހުންގެ ތެރެއިން ދައުވާ ސާބިތުނުވި ދެ މީހެއްގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ކޯޓުގައި ވިދާޅުވީ، އިސްތިއުނާފު ކޮށްފައިވާ ބައިގައި އެއްވެސް ބަދަލެއް ގެނައުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި ދަށު ކޯޓުން ފާހަގަކުރި ކަންކަންތަކުގެ މައްޗަށް ބިނާކޮށް މި ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އަދަބު ކަނޑައެޅުމަށް ދައުލަތުން އެދުނެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވަކީލުންވެސް މި އަޑުއެހުމުގައި ވާހަކަ ދެއްކެވިއިރު، ދަށު ކޯޓުގެ ނިންމުމާ ގުޅިގެން ދައުލަތުން އެދޭ ގޮތަށް ނިންމުމުގެ ޖާގައެއް ނެތްކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ބަލަމުންދާ ފަނޑިޔާރުން ވިދާޅުވީ، ހާޒިރުކުރަން އެދިފައިވާ ހެކިވެރިޔާ ހާޒިރުކުރުމަށް ނުނިންމައި، އަދި މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުންކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބަލަމުންދަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު، ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންގެ ބެންޗެއްގައެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި އެހެން މީހުންނަށް އުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވާފައިވާއިރު، އެމީހުން މިހާތަނަށް 4 އަހަރާއި 8 މަހާއި 11 ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު 25 އަހަރުން ކެނޑުމަށްފަހު ބާކީ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 20 އަހަރާއި 3 މަހާއި 19 ދުވަހެވެ.
ކޮމެންޓު ފޮނުވާ