ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދިމެދު ވިޔަފާރިތަކަށް މުދާ އެތެރެކުރުމަށް ޓެލެގްރާފިކް ޓްރާންސްފަރ (ޓީޓީ) ހަދަން ފޯރުކޮށްދޭ ޑޮލަރުގެ އަދަދު 30 ޕަސެންޓަށް އިތުރުކޮށްފިއެވެ. މީގެ ކުރިން މި ބޭނުމަށް ދޫކުރަމުން ދިޔައީ ޖުމްލަ ޓީޓީ އަދަދުގެ 5 ޕަސެންޓެވެ.
ގައުމީ ޓީވީ ޕީއެސްއެމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، މި ބަދަލާއެކު ވިޔަފާރިތަކަށް ޑޮލަރު ހޯދުން ފަސޭހަވާނެ ކަމަށެވެ. މިސާލަކަށް 10،000 ޑޮލަރުގެ ޓީޓީއެއް ހަދަން މީގެ ކުރިން ބީއެމްއެލްއިން ފޯރުކޮށްދިނީ 500 ޑޮލަރު ނަމަވެސް، މިހާރު 3،000 ޑޮލަރާ ހަމައަށް އެ އަދަދު އިތުރުވެފައިވާ ކަމަށް ބަދުރު ވިދާޅުވިއެވެ.
"ކިތަންމެ ބޮޑު ޓީޓީއެއް ނަމަވެސް މި 30 ޕަސެންޓް ދޭނެ. މިއީ މިހާރު ނިޒާމުގެ ތެރެއަށް ގެނެވުނު ބަދަލާއެކު އެމްއެމްއޭ އިން ދޭ ޑޮލަރުގެ ސަޕޯޓް ވެސް އިތުރުވުމުން،" ބަދުރު ވިދާޅުވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފައިވާ ކަމަށާއި، އެހެންކަމުން ބީއެމްއެލްއިން ވެސް ވިޔަފާރިތަކަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު އިތުރުކުރެވިފައިވާ ކަމަށް ބަދުރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޑޮލަރު ކަޅު ބާޒާރު ކޮންޓްރޯލްކޮށް، ވިޔަފާރިތަކާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި އެމްއެމްއޭއިން މިދިޔަ އޮކްޓޫބަރު މަހު ޤާނޫނެއް ހަދައި، ބޭންކިންގ ނިޒާމަށް ޑޮލަރު މާރުކުރަން ފަށާފައިވެއެވެ. މި ޤާނޫނުގެ ދަށުން ޓޫރިޒަމް ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ބޭންކިންގ ނިޒާމަށް ޑޮލަރު ވިއްކަން ޖެހެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ބޭންކިންގ ނިޒާމަށް 214 މިލިއަން ޑޮލަރު މާރުކުރެވިފައިވެއެވެ.
ނަމަވެސް ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު ވައްދާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ. 2019 ވަނަ އަހަރު ރިސޯޓުތަކުގެ ޖުމްލަ އާމްދަނީ 3.4 ބިލިއަން ޑޮލަރު ކަމަށްވާއިރު، އޭގެ 74 ޕަސެންޓް ކަމަށްވާ 2.5 ބިލިއަން ޑޮލަރު ބޭންކުތަކަށް ވައްދާފައިވެއެވެ. އެކަމަކު 2023 ވަނަ އަހަރު ރިސޯޓުތަކުގެ އާމްދަނީ 4.5 ބިލިއަން ޑޮލަރަށް އިތުރުވި ނަމަވެސް، ބޭންކުތަކަށް ވައްދާފައިވަނީ އާމްދަނީގެ 52 ޕަސެންޓް ކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ.
ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު ވެސް ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. 2019 ވަނަ އަހަރު ޓޫރިޒަމް ސެކްޓަރުން ބޭންކުތަކަށް ވަން ފައިސާގެ 6 ޕަސެންޓް ކަމަށްވާ 152 މިލިއަން ޑޮލަރު ބޭންކުތަކަށް ވިއްކި ނަމަވެސް، 2023 ގައި ވިއްކާފައިވަނީ އެންމެ 3 ޕަސެންޓް ކަމަށްވާ 68 މިލިއަން ޑޮލަރެވެ.
މި މުއްދަތުގައި އެމްއެމްއޭއިން ވިޔަފާރި ބޭންކުތަކަށް ޑޮލަރު ވިއްކި މިންވަރު އިތުރުވެފައިވެއެވެ. 2019 ގައި 76.6 މިލިއަން ޑޮލަރު ދޫކުރި ނަމަވެސް، 2023 ގައި 480.1 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 27 ޕަސެންޓްގެ އިތުރުވުމެކެވެ.
ކޮމެންޓު ފޮނުވާ