އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް 8 މަހުގެ ކުއްޖަކު ނިޔާވުމާއި ގުޅިގެން، އެމައްސަލާގައި އައިޖީއެމްއެޗްގެ އިހުމާލު އޮތްކަމަށް އާއިލާއިން ތުހުމަތު ކުރާތީ ހެލްތް މިނިސްޓްރީން މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
އިއްޔެ ނިޔާވި ކުއްޖާއަކީ ގދ. ތިނަދޫ، އަލަމާވިލާގޭ ޔޫނުސް ހުސައިން އަބްދުﷲ އެވެ. މިއީ ކައިވެނި ކޮށްގެން 20 އަހަރު ފަހުން އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅެވެ.
ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނުކައި ހޮޑުލާތީ ކަމަށް އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އާއިލާއިން ހާމަކޮށްފައިވަނީ އެޑްމިޓް ކުރުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ދުޅަވާން ފެށިކަމަށެވެ. އަދި ލިވާގައި ހުންނަންޖެހޭ އެންޒައިމެއް މައްޗަށް ދިއުމުން ހަށިގަނޑުގައި ފްލުއިޑް ޖަމާވެ ދުޅަވި ކަމަށް ޑޮކްޓަރުން ބުނި ކަމަށް އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނެފައިވަނީ ދުޅަ މަޑުކުރުމަށް އާދިއްތަ އަދި ހޯމަ ދުވަހު އިންޖެކްޝަން ޖަހާފައި ވާކަމުގައެވެ. އަންގާރަ ދުވަހު މޫނާއި އަތް ފައިގައި ހުރި ދުޅަ މަޑުވި ނަމަވެސް ބަނޑު ފުއްޕާފައި އޮތް ކަމަށް އާއިލާއިން ބުނެއެވެ.
ފަސް ދުވަސް ވީއިރުވެސް ބައްޔެއް ޑައިގްނޯސް ނުކުރެވުމުން ކުޑަކުދިންގެ ސްޕެޝަލިސްޓަކަށް ދެއްކުމަށް އާއިލާއިން އެދުނެވެ. އެހެންނަމަވެސް ބުރާސްފަތި ރޭ ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރަކު ކުއްޖާ ބަލާފައި ވެއެވެ. އެހެންނަމަވެސް ބުދަ އަދި ބުރާސްފަތި ދުވަހު ހަދަން އެދުނު ސްކޭން ބަންދު ދުވަހަކާ ދިމާވުމުން ނުހެދުނު ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އާއިލާއިން ބުނެއެވެ.
ކުއްޖާގެ ހާލަތު ނުރައްކާ ކަމަށް ބުނެ އައިސީޔޫއަށް ލުމަށް އާއިލާއިން އެދުނު ނަމަވެސް، އައިސީޔޫއަށް ލާންޖެހޭ ހާލަތެއް ނެތް ކަމަށް ޑޮކްޓަރު ފަހުން ބުނެފައިވާކަމަށް އާއިލާއިން ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް ހޮސްޕިޓަލަކުން އައިސީޔޫ ފަރުވާ ހޯދުމަށް ކުއްޖާ ދޫކޮށްދިނުމަށް އެދުނު ނަމަވެސް އެ ފުރުސަތު ވެސް ނުދިން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އައިސީޔޫ ފުރިފައިވާ ކަން ނަރުހުން ބުނީ ފަހުން ކަމަށް އާއިލާއިން ބުނެއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލަ ސަމާލުކަމަށް އައުމާއެކު އައިޖީއެމްއެޗްގެ ތެރޭގައި ތަހުގީގު ކުރިއަށްދާ ކަމަށެވެ. "ކަން ހިނގި ގޮތާމެދު އެއްޗެއް ދެންނެވޭނީ މައްސަލަ ބަލައި ނިމުމުން" ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ