މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ އަލްފާޟިލާ ޒަމްޢަތު އަޙްމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 16/2010) ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައި، މަޖިލީހުގެ ރުހުން ހޯދުމަށްފަހުއެވެ.
މީޑިޔާ ދާއިރާގައި 2006 ވަނަ އަހަރުން ފެށިގެން ޢަމަލީ ތަޖުރިބާ ލިބިފައިވާ ޒަމްޢަތު އަޙްމަދު ވަޙީދު، ދިވެހި ރާއްޖޭގެ އަޑާއި ވީޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ. މިހާރު އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ޒަމްޢަތު، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ހާސިލުކުރައްވާފައިވެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދާދި ފަހުން އިތުރު ތިން މެންބަރުން އައްޔަންކުރެވިފައިވެއެވެ. މޫސާ ރިލްވާން، މުހައްމަދު އަބްދުﷲ (މުހަންމާ) އަދި އާމިނަތު ސަރާހަތު އިއްޒަތު މި ކޮމިޝަނަށް އައްޔަންކުރެވުނު އިރު، އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރެވިފައިވަނީ ކޮމިޝަންގެ ރައީސްގެ މަޤާމަށެވެ.
ކޮމެންޓު ފޮނުވާ