ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތް ކުރަންޖެހޭ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު ހުށަހެޅުއްވީ މިއަދުގެ މަޖިލިސް ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.
މި ގަރާރުގެ މަގްސަދަކީ ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތައް މުރާޖައާކޮށް، އަދުލުވެރި މާހައުލެއް ގާއިމްކުރުމަށް މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެލުމެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސިއްހީ ދާއިރާގެ އެކި މަސައްކަތްތަކުގައި އުޅޭ ޓެކްނިކަލް ލެވެލްތަކުގެ މުވައްޒަފުން ޖޮބް މެޓްރިކްސްގެ އުސޫލަށް ބަދަލުކޮށް، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެހެން ދާއިރާތަކާ އެއްހަމަ ކުރުމަށް އާ ޕޭ ފްރޭމްވޯކެއް ތައާރަފުކޮށްފައިވެއެވެ. އެހެންނަމަވެސް، މި ދެ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމުގައި ސީލިންތަކެއް ކަނޑައެޅިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އާ ޕޭ ފްރޭމްވޯކްގެ ދަށުން، އިތުރުގަޑީގެ ފައިސާގެ ގޮތުގައި މަހަކު ލިބޭނީ މުވައްޒަފުގެ މަގާމުގެ އަސާސީ މުސާރައިގެ ގިނަވެގެން 10 ޕަސެންޓެވެ. މި މިންވަރަށް ވުރެ އިތުރަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުން މަނާކޮށްފައިވެއެވެ. ނަމަވެސް ސިއްހީ ހިދުމަތްތެރިންގެ އަދަދު މަދުކަމުންނާއި، ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގައި އުޅޭ މީހުން ވެސް އެމީހުންގެ ޒިންމާތައް އަދާކުރުމަށްޓަކައި ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހެއެވެ.
ގަރާރުގައި ހުށަހަޅާފައިވަނީ، އާ ޕޭ ފްރޭމްވޯކުގެ ދަށުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންއަށް ވުރެ އިތުރަށް މަސައްކަތް ކުރަންޖެހޭ ހާލަތުގައި، އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އޮތުން މުހިއްމު ކަމަށެވެ. މީގެ އިތުރުން، ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބޭނެ ގޮތަށް އުސޫލުތައް މުރާޖައާކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެންގުން ވެސް މި ގަރާރުގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ