ޔުމްނާ ގުޅަން ކޮމިޝަނުން ކުރި މަސައްކަތަށް އާއިލާ އިޖާބަ ނުދިން

ޔުމްނާ ގުޅަން ކޮމިޝަނުން ކުރި މަސައްކަތަށް އާއިލާ އިޖާބަ ނުދިން

Author
ހުސައިން
18 ޖޫން 2025 12:38
0

މާލޭގައި އިމާރާތަކުން ވެއްޓި، ބޮޑު އަނިޔާތަކާއެކު މެލޭޝިއާގައި ފަރުވާ ހޯދަމުންދާ ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ހޯދުމަށް ރިޔާސީ ކޮމިޝަނުން ކުރި މަސައްކަތްތައް ކާމިޔާބު ނުވިކަން އެ ކޮމިޝަނުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

ކޮމިޝަނުން ޔުމްނުގެ އާއިލާއަށް ގުޅުމުން ފޯނު ކަނޑާލި ކަމަށާއި، އޭގެ ފަހުން ޔުމްނުގެ ޅިއަނެއް ކަމަށްވާ މުހައްމަދު މުއުމިން ކޮމިޝަނާ ގުޅައި، ޔުމްނުގެ މަންމައަށް ނުގުޅުމަށާއި އާއިލާއިން ކޮމިޝަނާ ބައްދަލުކުރަން ބޭނުންނުވާ ކަމަށް ބުނެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުން ޔުމްނުގެ ފަރާތުން މައުލޫމާތު ސާފުކުރުމަށްޓަކައި، ކޮމިޝަންގެ މެންބަރަކު މެލޭޝިއާއަށް ފޮނުވުމަށް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރުމަށް އާއިލާގެ ކިބައިން އެދިފައިވެއެވެ. އެހެންނަމަވެސް، މި ސިޓީއަށް އާއިލާއިން އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، އާއިލާގެ އެކި މެންބަރުންނާ ގުޅުމަށް ކުރި މަސައްކަތުން ވެސް ޔުމްނުގެ ބަޔާނެއް ލިބޭނެ ގޮތެއް ހަމަނުޖެހުނު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޔުމްނުގެ އާއިލާއިން އިންސާފު ހޯދަން އެދޭއިރު، އިންސާފު ހޯދުމަށް ޔުމްނުގެ ބަސް މުހިންމު ކަމަށް ކޮމިޝަނުން ފާހަގަކުރިއެވެ. އެހެންނަމަވެސް، ތަހުގީގުން ލިބުނު ހެއްކާއި ގަރީނާތަކަށް ބަލާއިރު، ޔުމްނުގެ ބަޔާން ނުލިބުމަކީ ތަހުގީގުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނޫންކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މެލޭޝިއާގެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ޔުމްނު ގެއަށް ދޫކޮށްލާފައިވީނަމަވެސް، ތަހުގީގަށް ބަޔާން ދެވޭވަރަށް ސިއްހީ ހާލަތު ރަނގަޅު ނުވާކަމަށް އާއިލާއިން ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.