މާލޭގައި 18 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާތީ ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ގެއްލިފައިވަނީ އައިޝަތު ލަމްޔާ ނަމުގައި ހިނގާ ޒުވާން އަންހެނެކެވެ.
ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، ލަމްޔާ ގެއްލިފައިވާކަން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:00 ގައެވެ. ގެއިން ނުކުމެ ދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވާތީ، ކަންބޮޑުވެގެން އާއިލާއިން މި މައްސަލަ ހުށަހެޅީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި އަޙްމަދު ހައްމާދު ނަމުގައި ހިނގާ ފަރާތަކުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، ލަމްޔާ ގެއިން ނުކުތީ ރޭ 8:30 ގައި ކަމަށާއި، އެންމެ ފަހުން އޭނާ ފެނިފައިވަނީ 9:30 ހާއިރު މއ. ސަހަރާ ކަންމަތީގައި ހުންނަ ދިލްބަހާރު މަގު ކައިރިން ކަމަށެވެ.
އެ ވަގުތު ލަމްޔާގެ ހެދުމުގައި ހުރީ ހުދު ޓޮޕެއް، ކަޅު ޖިންސެއް، ކަޅު ޝޯލެއް އަދި ހުދު ފައިވާނެއް ކަމަށް ހައްމާދު ވަނީ ތަފްޞީލު ދީފައެވެ.
މިހާރު ފުލުހުން ލަމްޔާ ހޯދުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ދާއިރު، އޭނާއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން 9661230 ނުވަތަ 9959907 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އާއިލާއިން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ