ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނާއެކު ބޭއްވި މެންދުރުގެ ކެއުމުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ފައްޔާޒުއާއި ނަޝީދު މުހިންމު ވާހަކަތަކެއް ދައްކަވައިފިއެވެ.
މި ފަރިއްކޮޅަށްފަހު ކުރެއްވި އެކްސް ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ހާލަތު ރަނގަޅުކޮށް، ސަރުކާރު ހަމަމަގަށް އެޅުވޭނީ އިސްލާހީ ވިސްނުން ގެންގުޅޭ ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތްކޮށްގެން،" ފައްޔާޒު ވިދާޅުވެފައި ވެއެވެ.
މި ބައްދަލުވުމުގައި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނު ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ފަރިއްކޮޅަށް ޝުކުރު އަދާކުރައްވަމުން ފައްޔާޒު ވިދާޅުވީ، މިފަދަ ބައްދަލުވުންތަކަކީ ސިޔާސީ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގައުމީ މަސްލަހަތުތަކުގައި އެއްބަސްވުންތައް ހޯދުމަށް މުހިންމު ފުރުސަތުތަކެއް ކަމަށެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އެއްބާރުލުމާއި އެއްބައިވަންތަކަމުގެ ރޫހު އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.
ނަޝީދުއާއި ފައްޔާޒު މެންދުރުގެ ފަރިކޮޅަށް ވަޑައިގެންނެވިއިރި، ފައްޔާޒު ވަނީ 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. އަދި ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްގައި ކުރިން މަސައްކަތްކުރި އިސް ބައެއް ފަރާތްތަކުން އެމްޑީޕީއާއި ގުޅި، މިހާރު މަސައްކަތް ކުރަމުންދަނީ ފައްޔާޒުއާއެކުކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ