މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 65 ޕަސެންޓް އިތުރުވެފައިވާ ކަމަށް ސްރީލަންކާގެ ޓޫރިޒަމް ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.
އެ ޑިޕާޓްމަންޓުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހުގެ ނިޔަލަށް ސްރީލަންކާއަށް 13،296 ދިވެހިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 8،040 ގައެވެ. މިއީ 5،256 މީހުންގެ އިތުރުވުމެކެވެ.
މެއި މަހުގެ ނިޔަލަށް ސްރީލަންކާއަށް ދުނިޔޭގެ އެކި ޤައުމުތަކުން ޖުމްލަ 1،029،803 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ނިމިދިޔަ 2024 ވަނަ އަހަރު ނިމުނުއިރު ސްރީލަންކާއަށް 47،222 ދިވެހިން ދަތުރުކޮށްފައިވެއެވެ.
2019 ވަނަ އަހަރު ސްރީލަންކާގައި ހިނގި އީސްޓާ ބޮމުގެ ހާދިސާއާއި، ފަހުން އެ ޤައުމަށް ކުރިމަތިވި އިޤްތިސާދީ ދަތިތަކުގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ. ވިޔަފާރި، ސިއްޙީ ޚިދުމަތް ހޯދުން އަދި އެނޫން ބޭނުންތަކުގައި ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވެސް އެ ދުވަސްވަރު ވަނީ ދަށްވެފައެވެ.
ކުރީގައި ސްރީލަންކާއަކީ ބޭރު ޤައުމެއްގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ޤައުމުގެ ގޮތުގައި ފާހަގަކުރެވުނު ޤައުމެވެ. ނަމަވެސް އިޤްތިސާދީ ދަރަނީގެ ހާލަތުން އަރައިގަތުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޓޫރިޒަމް ސިނާޢަތަށް ކުރިއެރުން ލިބެމުންދާ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ. މިގޮތުން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވަމުންދާ ކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ