ސޯޝަލް މީޑިއާގައި ބޭސްފަރުވާއަށް އެހީތެރިކަން ހޯދުމަށް ކުރާ ސްކޭމް ޕޯސްޓުތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުންނަށް އިލްތިމާސް ކޮށްފިއެވެ. މިފަދަ ޕޯސްޓުތައް ބޭނުންކޮށްގެން މީހުންގެ ހަމްދަރުދީ ނަހަމަގޮތުގައި ބޭނުންކޮށް ފައިސާ ހޯދާ ފަރާތްތައް އިތުރުވަމުންދާކަން ފުލުހުން ފާހަގަ ކޮށްފައި ވެއެވެ.
އެންޓި-ސްކޭމް ސެންޓަރުން ފާހަގަކުރި ގޮތުގައި، ބަލި މީހުންގެ ފޮޓޯތަކާއެކު ބޭރަށް ފަރުވާއަށް ދިއުމަށް އެހީ ބޭނުންވާ ކަމަށް ބުނެ ކުރާ ޕޯސްޓުތަކަށް ފައިސާ ފޮނުވުމުގެ ކުރިން، އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ގިނަ ފަހަރަށް މިފަދަ ޕޯސްޓުތަކުގައި ކެންސަރ، ހިތުގެ ބަލި، ކިޑްނީ ފެއިލްވުން ފަދަ ބޮޑެތި ބަލިތަކާ ގުޅޭ މައުލޫމާތު ހިމަނައި، ބޭރުގެ ހޮސްޕިޓަލްތަކަށް ފަރުވާއަށް ދާން ބޭނުންވާ ކަމަށް ބުނެ އެކައުންޓް ނަންބަރުތައް ޖަހާފައި ހުންނަކަން ފާހަގަކުރެވެއެވެ. މިގޮތަށް ހުންނަ ޕޯސްޓުތައް އާންމުން ވަރަށް ގިނައިން ޝެއާކޮށް، ރަހުމާތްތެރިކަމުގެ ގޮތުން އެހީތެރިވާކަން ވެސް ފާހަގަކުރެވެއެވެ.
އެފަދަ ޕޯސްޓުތަކާ ގުޅިގެން އެހީވުމުގެ ކުރިން އަންނަނިވި ކަންކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ. ޕޯސްޓް ޖަހާފައިވާ އެކައުންޓަކީ ބަލިމީހާގެ ނުވަތަ އޭނާގެ އާއިލާގެ ސައްހަ އެކައުންޓެއްތޯ ޔަގީންކުރުމާއި، ޕޯސްޓުގައި ދީފައިވާ ފޯނު ނަންބަރަށް ގުޅައިގެން ސީދާ މައުލޫމާތު ސާފުކުރުމާއި، ބަލިމީހާގެ މެޑިކަލް ރިޕޯޓުތަކާއި ޑޮކްޓަރުންގެ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުމާއި، ޕޯސްޓް ކޮށްފައިވަނީ އިތުބާރުހުރި ފަރާތަކުންތޯ ޔަގީންކުރުން ހިމެނެއެވެ.
މިފަދަ އިންޒާރެއް ދިނުމަށް މެދުވެރިވި ސަބަބަކީ، "އެހީތެރިޔާ" ގެ ނަމުގައި ހިންގާ ޕޭޖަކުން އާމިނަތު ރަޝީދާ ނަމުގައި ކިޔާ އަންހެނަކު ސްޓްރޯކް ޖެހިގެން ފަރުވާއަށް އެހީ ބޭނުންވާ ކަމަށް ބުނެ ޕޯސްޓެއް ޖަހާފައި ހުރުމެވެ.
އެހެންނަމަވެސް، އެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި، އާމިނަތު ރަޝީދާ ސްޓްރޯކް ޖެހިގެން އާންމުންގެ އެހީއަށް އެދުނީ މީގެ ކުރިން ކަމަށާއި، މިހާރު އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި، އެ ޕޯސްޓުގައި ޖަހާފައިވާ އެކައުންޓު ނަންބަރުގެ ވެރިފަރާތް މާއިޝާއަކީ އެ އާއިލާއިން ދަންނަ މީހެއް ނޫންކަމަށް ބުންޏެވެ.
ބޭސްފަރުވާއަށް އެހީ ހޯދުމުގެ ނަމުގައި ސްކޭމް ކުރާ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ ޕޯސްޓުތައް ވައިބަރ ގްރޫޕުތަކާއި ފޭސްބުކް ޕޭޖުތަކުގައި ވަރަށް އަވަހަށް ފެތުރޭކަން ފާހަގަކުރެވެއެވެ. ވީމާ، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރެއެވެ.
ކޮމެންޓު ފޮނުވާ