ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި އަލްމަރުޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ އާއިލާއިން، އޭނާގެ ޖަނާޒާގެ އެންމެހައި ކަންކަން ފުރިހަމަކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ.
މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގައި ހުންނަ ހާޖީ ފީސަބީލިﷲ މިސްކިތުގައި ބޭއްވުނު ޖަނާޒާ ނަމާދުގައި ގިނަ ބަޔަކު ބައިވެރިވިއެވެ. ޝައިޚް ފަރީދުގެ ހަށިގަޑު ވަޅުލެވުނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.
މަރުޙޫމް ފަރީދުގެ އާއިލާއިން ޚާއްޞަގޮތެއްގައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށްވެސް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބެސަޑަރާއި ހައިކޮމިޝަންގެ މުވައްޒަފުންނަށާއި، ޖަނާޒާގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އާއިލާއިން އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.
އާއިލާއިން ވަނީ މަރުޙޫމްގެ ވަކިވުމާއި ގުޅިގެން ތަޢުޒިޔާ ފޮނުއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަންވެސް ފާހަގަ ކޮށްފައެވެ. މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ޖަނާޒާގައި ބައިވެރިވި ފަރާތްތަކާއި، ދިވެހިރާއްޖެއާއި އެހެން ޤައުމުތަކުގައި ތިބެގެން ޖަނާޒާގައި ބައިވެރިވި ފަރާތްތަކަށްވެސް އާއިލާއިން ޝުކުރު އަދާކުރައްވާފައި ވެއެވެ.
ސޯޝަލް މީޑިޔާ މެދުވެރިކޮށް ޝައިޚް ފަރީދުގެ ޚިދުމަތްތަކަށް ތަޢުރީފުކޮށް ހެޔޮދުޢާ ކުރެއްވި ކޮންމެ ފަރާތަކަށްވެސް އާއިލާއިން ޝުކުރު ދަންނަވާފައިވާކަން ފާހަގަކުރެވެއެވެ. ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި އިސްލާމް ދީން ފެތުރުމުގައި ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ