ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އޮންނާނެ

ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އޮންނާނެ

Author
ހުސައިން
11 ޖޫން 2025 11:54
0

މި ހަފުތާގެ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާއިފިއެވެ. މިނިސްޓްރީން ކުރިން ބުނެފައިވަނީ މެލޭޝިޔާގައި އޭނާގެ ހަށިގަޑު ހުކުރު ދުވަހުގެ ކުރިން ވަޅުލައިފިނަމަ މި ހުކުރު ދުވަހު ޣައިބަށް ކަށުނަމާދު ކުރުން އޮންނާނެ ކަމުގައެވެ.

ޝައިޚް ފަރީދުގެ އާއިލާގެ ގާތްބޭފުޅަކު ވިދާޅުވި ގޮތުގައި އާއިލާއިން ނިންމީ އޭނާގެ ޖަނާޒާ މެލޭޝިޔާގައި ބާއްވައި، އެގައުމުގައި ވަޅުލުމަށް ކަމަށެވެ. މިއަދު ވަނީ މެލޭޝިޔާގައި ޖަނާޒާ ބާއްވާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތައުޒިޔާ ފޮނުއްވަވަމުން ވިދާޅުވީ ޝައިޚް ފަރީދަކީ ދިވެހި މުޖުތަމަޢަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި، ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއް ކަމަށާއި، ބައްދަލުވާ ކޮންމެ ފަހަރަކު ހެޔޮ ނަސޭހަތްދެއްވި، ގާތްކަން ބޭއްވެވި ބޭފުޅެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ދީނީ ޢިލްމު ފެތުރުމަށް ޝައިޚް ފަރީދު ކުރެއްވި މަސައްކަތްތަކަކީ ގުނައިލެވޭނެ ވަރަށްވުރެ ގިނަ މަސައްކަތްތަކެކެވެ. އަވަހާރަވުމާ ހަމައަށް ވެސް އޭނާ ވަނީ ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ދީނީ ދަރުސްތައް ދެއްވާފައެވެ. ޚާއްޞަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް ދިވެހިން ހޭލުންތެރިކުރުމަށް އޭނާ ދެއްވި ދަރުސްތަކަކީ އެތައް ބަޔަކު އަޑުއަހައި އަމަލުކުރި ދަރުސްތަކެކެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ޝައިޚް ފަރީދު އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ. ހުދުމުހުތާރު ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރާއްޖޭގައި ހިނގި އިސްލާހީ ހަރަކާތްތަކުގައި އޭނާ ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. އޭނާގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ ދިވެހި މުޖުތަމަޢަށް ދީނީ ގޮތުން ވަރަށް ބޮޑު ބަދަލުތަކެއް ގެނައި މަސައްކަތްތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.