ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަނީ

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަނީ

Author
ހުސައިން
11 ޖޫން 2025 11:45
0

މިދިޔަ ހޯމަ ދުވަހު މެލޭޝިއާގައި އަވަހާރަވި ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢެއް ޚިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ.

ޚިދުމަތް ޖަމިއްޔާއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، 250 ސްކުއަރ މީޓަރުގެ ބޮޑުމިނުގައި 455 މީހުންގެ ޖާގަ ލިބޭ މިސްކިތެއް ބިނާކުރުމަށް ލަފާކުރާ ޚަރަދަކީ 760،000 ރުފިޔާއެވެ. މި މަޝްރޫޢުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

53 އަހަރުގެ ޢުމުރުފުޅުގައި އަވަހާރަވި ޝައިޚް ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގައި ވަނީ ބާއްވާފައެވެ. މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަތުމަށްފަހު އެއާޕޯޓު ތެރޭގައި ވެއްޓިވަޑައިގަތުމުން އަވަސް ފަރުވާ ދެވުނު ނަމަވެސް، އިރުކޮޅެއްފަހުން ވަނީ ނިޔާވެފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ދިވެހިރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބު ކަށުނަމާދު ކުރުމަށް ވަނީ ނިންމާފައެވެ.

ދަރުސްތައް ދެއްވުމާއި ދީނީ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވި ޝައިޚް ފަރީދަކީ، އިސްލާހީ ހަރަކާތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 2003 ވަނަ އަހަރުގެ އޮގަސްޓު 12-13 ގެ ހަރަކާތާ ގުޅިގެން ބަންދުކުރެވުނު މީހުންގެ ތެރޭގައި ޝައިޚް ހިމެނިވަޑައިގަންނަވައެވެ.

މިނިވަން ބަހުސް ކޮލިޝަނުގައި ބައިވެރިވެވަޑައިގެން، އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރެއްވި ޝައިޚް ފަރީދު، އެމްޑީޕީގެ ފުރަތަމަ ދައުރުގައި އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތެވެ. އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.