ސަރުކާރުގެ ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް އަންނަ ދެ މަހުގެ ތެރޭގައި ފަށަނީ

ސަރުކާރުގެ ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް އަންނަ ދެ މަހުގެ ތެރޭގައި ފަށަނީ

Author
ހުސެއިން
05 ޖޫން 2025 08:25
0

ސަރުކާރުގެ ހޮސްޕިޓަލްތަކުން ނަންބަރު އައިނު ހައްދައިދިނުމުގެ ޚިދުމަތް އަންނަ ދެ މަސްދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހީމް ވިދާޅުވީ، މި ޚިދުމަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، އިރާދަކުރެއްވިއްޔާ އަންނަ ދެ މަސްދުވަހުގެ ތެރޭގައި މި ޚިދުމަތް ފުރިހަމައަށް ފެށިގެންދާނެ ކަމަށެވެ.

މި އައު ޚިދުމަތުގެ ދަށުން ރައްޔިތުންނަށް އާސަންދައިގެ ތެރެއިން ފުރިހަމައަށް ކޮލިޓީ އައިނު ލިބޭނެ ކަމަށާއި، ރައްޔިތުންގެ ޖީބުން އިތުރު ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް އިބްރާހީމް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މަޤްޞަދަކީ ރައްޔިތުންނަށް ބުރަ ބޮޑުނުވާ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން މި ޚިދުމަތް ފެށުމުގެ ބޭނުމަކީ ޕްރައިވެޓް ސެކްޓަރާ ވާދަކުރުން ނޫން ކަމަށް އިބްރާހީމް ވަނީ ސާފުކޮށްދެއްވާފައެވެ. މިހާތަނަށް ރާއްޖޭގައި އައިނު ހެއްދުމުގެ ޚިދުމަތް ދެމުން އައީ ހަމައެކަނި އަމިއްލަ ކުންފުނިތަކުންނެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އަމިއްލަ ވިޔަފާރިތަކުން އައިނު ވިއްކުމުގައި ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ޓަކައި މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުން މި ޚިދުމަތް ފެށުމަށް އިއުލާންކުރައްވާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އާސަންދައިން އައިނަށް ކަވަރުކުރާ އަދަދު 1،000 ރުފިޔާއިން 2،000 ރުފިޔާއަށް ދެގުނަ ކުރައްވާފައެވެ. މިހާތަނަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން ދެމުން އައީ ލޮލުގެ އެކި ބައްޔަށް ބޭސްކުރުމުގެ ޚިދުމަތް އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.