ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފި

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފި

Author
ހުސައިން
05 ޖޫން 2025 02:38
0

ބްރޯޑްކާސްޓިން ކޮމިޝަނުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ. މި އިއުލާން ކުރަނީ ކުރިން އެ މަގާމުގައި ހުރި މަރިޔަމް ޒީނިޔާ ވަކިކުރުމާ ގުޅިގެންނެވެ.

ޒީނިޔާ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރެވިފައެވެ. ކޮމިޝަނުން ބުނި ގޮތުގައި އޭނާ ސަސްޕެންޑް ކުރީ މަސައްކަތަށް ހުރަސްއެޅުމާއި ނިންމުންތައް ތަންފީޒު ނުކުރުމުގެ ސަބަބުންނެވެ.

ހުސްވި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭނެ ކަމަށް ކޮމިޝަނުން ކަނޑައަޅައިފައިވާ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ މަތީ ސަނަދަކާ އެކު ހިންގުމުގެ ދާއިރާއިން ދެ އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއަކާއެކު ތިން އަހަރުގެ ތަޖުރިބާ ހިމެނެއެވެ. މީގެ އިތުރުން ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކުރި ތަޖުރިބާއާއި ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން ވެސް ޝަރުތުކޮށްފައިވެއެވެ.

ކޮމިޝަނުން ހާމަކުރި ގޮތުގައި މި މަގާމުގެ މުސާރައަކީ 20،500 ރުފިޔާ އެވެ. އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި ފޯނު އެލަވަންސްގެ ގޮތުގައި 700 ރުފިޔާ ލިބޭނެއެވެ. މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮމިޝަން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހިންގުމާއި ކޮމިޝަންގެ ޖަލްސާތަކުގެ އިދާރީ ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ. އަދި މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް މަސައްކަތްކުރުމާއި މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުން ވެސް މި މަގާމުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

މަގާމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ މި މަހުގެ 23 ވަނަ ދުވަހުގެ 1:00 ގެ ކުރިންނެވެ. ފޯމު ލިބޭނީ ކޮމިޝަންގެ ކައުންޓަރުންނާއި ވެބްސައިޓުންނެވެ.

ޒީނިޔާ މަގާމުން ވަކިކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ. މުވައްޒަފުން ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ ކޮމިޝަންގެ ރައީސް ސޮފާ ޝަފީގާއި ބައެއް މެމްބަރުން އިދާރީ ހިންގުމަށް ހުރަސްއަޅަމުންދާ ކަމަށާއި އިދާރީ އޮނިގަނޑަށް އިހުތިރާމް ނުކުރާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.