އިސްރަށްވެހިންގެ ނާދީގައި ޓޭބަލް ޓެނިސް ކުޅިވަރު ފެށުމަށް ބޭނުންވާ ސާމާނުތައް ކުޅިވަރާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ. މި ސާމާނުތައް ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތު މިއަދު ބޭއްވި ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީގެ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ފޯރުކޮށްދިން މި ސާމާނުތަކުގެ ބޭނުން ހިފައިގެން ޓޭބަލް ޓެނިސް އެކަޑެމީގެ އިރުޝާދުގެ ދަށުން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އިސްރަށްވެހިންނަށް މި ކުޅިވަރު ކުޅުމުގެ ފުރުޞަތު ތަނަވަސްވުމުން އެމީހުންގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ތަފާތު އުމުރުފުރާގެ މީހުން އެއްކޮށް ކުޅިވަރު ކުޅުމުން އެކަކު އަނެކަކާ ގުޅުން ބަދަހިވެ، އިޖުތިމާޢީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
55 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަކަށް މި ނާދީގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު، އިސްރަށްވެހިންގެ މެދުގައި މި ނާދީއަށް ލިބިފައިވާ ތަރުހީބު ވަރަށް ބޮޑު ކަމަށް ވުޒާރާއިން ބުންޏެވެ. ނާދީގައި ދެމިދެމި ގޮތެއްގައި ނަފްސާނީ، އިޖުތިމާޢީ އަދި ޖިސްމާނީ ފައިދާތައް ކުރާނެ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ