ހުކުރު ގަޑީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ނުޖެއްސޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ގޮވާލައިފި

ހުކުރު ގަޑީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ނުޖެއްސޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ގޮވާލައިފި

Author
ހުސައިން
02 ޖޫން 2025 01:32
0

ހުކުރު ދުވަހުގެ ހުކުރު ގަޑީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ނުޖެއްސޭނެ ގޮތަށް ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވުނު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ފާހަގަކުރެއްވި ގޮތުގައި، ރައީސް އިބްރާހިމް ނާސިރުގެ ދައުރުން ފެށިގެން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ނިޔަލަށް، ހުކުރު ދުވަހުގެ ހުކުރު ގަޑީގައި ފްލައިޓްތައް އޮޕަރޭޓް ނުކުރުމަށް ސިޔާސަތު ކަނޑައެޅިފައި އޮތް ކަމަށެވެ.

އެހެންނަމަވެސް 2008 ވަނަ އަހަރު ސަރުކާރު ބަދަލުވުމަށްފަހު، އިސްރާއީލްގެ ގައުމީ އެއާލައިން ފުވައްމުލަކަށް ގެނައުމާ ގުޅިގެން، ހުކުރު ގަޑީގައި ފްލައިޓް ޖެއްސޭނެ ގޮތަށް މި ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މުސްލިމުންނަށް ހުކުރު ދުވަހަކީ ޚާއްސަ ދުވަހެއް ކަމަށާއި، ހުކުރު ނަމާދަކީ މުހިންމު އަޅުކަމެއް ކަމަށް ފާހަގަކުރައްވައި، މި ސިޔާސަތު ބަދަލުކުރުމުން އެއާޕޯޓުގެ 31 ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ 2,781 މުވައްޒަފުންނަށް ހުކުރު ދުވަހުގެ ހުއްދަ ގެއްލިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

"ލާދީނީ ސަރުކާރަކުން ގެނައި މި ބަދަލުގެ ސަބަބުން ހުކުރު ގަޑީގެ ހުރުމަތް ގެއްލި، މަތިންދާ ބޯޓުފަހަރު ޖެއްސޭ ގޮތަށް މިހާރު ހަމަޖެހިފައި އޮތުމަކީ ބަދަލުކުރަންޖެހޭ ކަމެއް. ކުރީގެ ގޮތަށް އަލުން އިއާދަކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ހުރިހާ ދިވެހި ރައްޔިތުން ބޭނުންވާނެ ކަމެއް،" އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.