ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

Author
ހުސައިން
31 މެއި 2025 09:07
0

މި އަހަރުގެ ގައުމީ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓަކުންނެވެ.

ޝުޖާއު ހާމަކުރެއްވި ގޮތުގައި، ގައުމީ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މިއަދު ސަގާފަތާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އާއެކު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ވާކަމުގައެވެ. މި ބައްދަލުވުމުގައި ހއ. އުތީމު، ހއ. ބާރަށް އަދި ހއ. ތަކަންދޫގައި ގައުމީ ދުވަސް ފާހަގަކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނީ ހއ. އުތީމުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އުތީމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް މުހިންމު ރަށެއް ކަމުގައިވާއިރު، އެ ރަށަކީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ދިރިއުޅުއްވި ރަށެވެ.

ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ގައުމީ ދުވަހަކީ، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިކުރާ އާލާކުރުމަށް ފާހަގަކުރާ ދުވަހެކެވެ. ދިވެހީންގެ ގައުމީ ދުވަސް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލް އައްވަލް މަހުގެ ފުރަތަމަ ދުވަހުގައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ތާރީޚުގައި ހިމެނޭ މުހިންމު ދުވަސްތައް ފާހަގަކޮށް، އިހު ޒަމާނުގެ ހަނދާންތައް އާލާކުރުމަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާފައެވެ. އެގޮތުން ގައުމީ އަދި ދީނީ މުނާސަބާތްތަކުގައި މަގުތައް ޒީނަތްތެރިކޮށް، އެކި ސަގާފީ ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.