ޞިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހަތަރު ރަށެއްގެ ޞިއްޙީ މަރުކަޒުތަކުގެ ޢިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގައި ރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ވަނީ ސޮއިކުރެވިފައެވެ. އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް ކަމަށާއި، އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާޙް އަލީ ނަޞީރު ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އާރްޑީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ރ. މީދޫ އާއި ގއ. ދާންދޫގެ ހޮސްޕިޓަލްތަކުގެ އައު ޢިމާރާތްތައް ހިމެނޭ އިރު، ހއ. ފިއްލަދޫ އާއި މ. މުލަކުގެ ޞިއްޙީ މަރުކަޒުތަކުގެ އެކްސްޕެންޝަން ޢިމާރާތްތައް ވެސް ހިމެނެއެވެ.
މަޝްރޫޢުތަކުގެ އަގުތަކަށް ބަލާއިރު، ހއ. ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް 11,997,890.47 ރުފިޔާއަށް ހަވާލުކުރެވުނު އިރު، ރ. މީދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ވެސް އެއްވަރުގެ އަގެއް ކަމަށްވާ 11,997,890.47 ރުފިޔާއަށް ހަވާލުކޮށްފައިވެއެވެ.
މ. މުލަކު ޞިއްޙީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް 26,469,925.89 ރުފިޔާއަށް ހަވާލުކުރެވުނު އިރު، އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ގއ. ދާންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް 108,322,537.03 ރުފިޔާއަށް ހަވާލުކޮށްފައިވެއެވެ.
ހެލްތު މިނިސްޓްރީން ރޭ ޖުމުލަ 18 މަޝްރޫޢެއް ތިން ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ބުނެ، އޭގެ ތެރެއިން 9 މަޝްރޫޢެއް ފެނަކަ އާއި 5 މަޝްރޫޢެއް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދިނެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފުޅާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ