ދައުލަތުގެ ބަޖެޓު 1.1 ބިލިއަން ރުފިޔާއިން ސާޕްލަސް ވެއްޖެ

ދައުލަތުގެ ބަޖެޓު 1.1 ބިލިއަން ރުފިޔާއިން ސާޕްލަސް ވެއްޖެ

Author
ހުސައިން
28 މެއި 2025 08:31
0

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން މިއަހަރު ސަރުކާރުން ކޮށްފައިވާ ހަރަދުތައް ފާއިތުވި އަހަރާ އަޅާބަލާއިރު 17.9 ޕަސަންޓު ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓު 1.1 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ހުރިކަން މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ.

މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 13.7 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ އެއްވަރުގެ މުއްދަތާ އަޅާބަލާއިރު ކުޑަ އަދަދެކެވެ.

ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް ހަރަދު 3.8 ޕަސަންޓު ކުޑަވެފައިވާކަމާއި، ކެޕިޓަލް ހަރަދު 64.2 ޕަސަންޓު ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ގަތުމަށް ކުރާ ހަރަދު 70.3 ޕަސަންޓު ކުޑަވެފައިވާއިރު، މަރާމާތާއި ބެލެހެއްޓުމުގެ ޚަރަދު 27.1 ޕަސަންޓު ދަށަށް ގޮސްފައިވެއެވެ. ދަތުރުފަތުރުގެ ޚަރަދު ވެސް ފާއިތުވި އަހަރާ އަޅާބަލާއިރު 15.7 ޕަސަންޓު ކުޑަވެފައިވާކަން ރިޕޯޓުން ދައްކައެވެ.

ނަމަވެސް، ބައެއް ދާއިރާތަކުގެ ހަރަދު އިތުރުވެފައިވާކަން ވެސް ފާހަގަކުރެވެއެވެ. އާސަންދައަށް ކުރާ ޚަރަދާއި، ޚިދުމަތްދިނުމަށް ބޭނުންވާ ތަކެތި ގަތުމަށް ކުރާ ޚަރަދު އަދި ލޯނުގެ ޚިދުމަތަށް ކުރާ ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާކަން ރިޕޯޓުގައި ބުނެފައިވެއެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ވެސް މިއަހަރު 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރި ފައިސާގެ ތެރެއިން 801.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. މިދިޔަ އަހަރު ޕީއެސްއައިޕީ ބަޖެޓުން އެންމެ ގިނަ ފައިސާ ޚަރަދުކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫޢުތަކަށްކަން ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.