ހައްވާ ޔުމްނު ރަޝީދު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، ރޭ ފުލުހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
މިދިޔަ މަހު ހިނގި މި ހާދިސާއާ ގުޅިގެން ރައުދު ފުރަތަމަ ހައްޔަރުކޮށް ބަންދުކުރި ފަހުން، އެކި ފަހަރު މަތިން އޭނާގެ ބަންދު އިތުރުކޮށް، ދޫކޮށްލުމަށްފަހު މިދިޔަ ހަފުތާގައި އަލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނަމަވެސް ޕީޖީ އޮފީހުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، ރައުދު ބަންދުން ދޫކޮށްލުމަށް އިރުޝާދު ދިންކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިރުޝާދާ އެއްގޮތަށް ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްވާ ޔުމްނު ރަޝީދުގެ މަރުގެ މައްސަލާގައި ތަހުގީގު ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ