ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފި އެވެ. މިކަން ހިނގީ އެ ކޮމިޝަނުގެ ކޮމިޝަނަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށްފަހުގަ އެވެ.
ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ޒީނިޔާ މެއި 20 ވަނަ ދުވަހު 96 ގަޑިއިރަށް ސަސްޕެންޑު ކުރެވުނެވެ. މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް އެންގުމުން ކޮމިޝަނަށް ޒީނިޔާ ޖަވާބުދާރީވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މަގާމުން ވަކިކުރިކަން އަންގާ ލިޔުން ޒީނިޔާއާ ހަވާލުކުރީ މިއަދު ހަވީރު 3:00 ގަޑިއަށްފަހު ކަމަށް ވެސް އެނގެ އެވެ.
ޒީނިޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާއަށް ނުނިކުމެ ހަޅުތާލެއް ކުރި އެވެ. މުވައްޒަފުން ބުނާ ގޮތުގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތަކުރާރުކޮށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.
މި ޕެޓިޝަނުގައި ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް ވެސް އެނގެ އެވެ. މުވައްޒަފުން އުންމީދު ކުރަނީ މަޖިލިސް މެދުވެރިކޮށް މި ކަންކަމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ