ށ. މަރޮށި އަދި ށ. ފޯކައިދޫގެ ރައްޔިތުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ. މި ދެ ރަށުގައި ވަކިވަކިން ބޭއްވުނު ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ފާހަގަކުރެއްވީ، ގިނަ ދުވަސްތަކެއް ވަންދެން ބޭންކިންގ ޚިދުމަތް ނުލިބި ތިބި ރައްޔިތުންނަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ވާހަކައެވެ. އަދި ބީއެމްއެލްގެ ބޯޑާއި މެނޭޖްމަންޓުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ދައްކާ އިޚްލާޞްތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވާހަކަދައްކަވަމުން ވިދާޅުވީ، ރައްޔިތުންނަށް ލޯނު ދޫކުރުމުގެ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"ގެދޮރު ބިނާކުރުމަށް ދޫކުރާ ލޯނާއި ގެސްޓްހައުސް ލޯނު ފަދަ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ބަދަލުތައް ގެނެސްފައިވާނެ. މީގެ އިތުރުން މަސްވެރިންނަށް ވެސް ފަސޭހަކަމާއެކު ލޯނު ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވޭ،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރުމުގެ މަޝްރޫޢު
ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ.، ހދ.، ށ.، ނ.، ރ.، ބ.، ޅ.، ކ.، އއ.، އދ.، ވ.، މ. އަދި ފ. އަތޮޅުގެ ރަށްރަށުގައި އޭޓީއެމް ޚިދުމަތް ދޭން ފަށާފައިވެއެވެ.
ބީއެމްއެލްއިން ބުނާގޮތުން، މި އަހަރު ނިމުމުގެ ކުރިން 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓައި، ޖުމްލަ 250 އަށްވުރެ ގިނަ އޭޓީއެމް މުޅި ރާއްޖޭގައި ޤާއިމުކުރުމަށް އަމާޒު ހިފާފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި އަހަރަކީ ރައްޔިތުންނަށް ދެއްވި ވަޢުދުތައް ފުއްދުމުގައި ބޮޑު ކުރިއެރުންތަކެއް ލިބޭނެ އަހަރެއް ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ