ރައުދުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފި

ރައުދުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފި

Author
ހުސެއިން
23 މެއި 2025 08:32
0

ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ ބަންދަން މިއަދު ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފި އެވެ.

ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ރައުދު އިއްޔެ ބަންދުން ދޫކޮށްލި އެވެ. އެކަމަކު އާ އަމުރެއް ނެރެ ކުޑަ އިރުކޮޅެއްގެ ފަހުން އިއްޔެ އަލުން ހައްޔަރުކުރީ އެވެ.

ރައުދު އިއްޔެ ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދިން 20 ދުވަހުގެ މުއްދަތުގެ ތެރޭގަ އެވެ.

ފުލުހުން ރައުދު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށްވެއެވެ. ދޫކޮށްލީ އޭނާގެ އިސްތިއުނާފު ފެށެން ކުޑަތަންވެފައިވަނިކޮށެވެ.

ޔުމްނުގެ ދައްތަ ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވެއްޓުނު ވަގުތު، އެ މައްސަލައިގައި މިވަގުތު ހަމައެކަނި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދުގެ އިތުރުން ތިން މީހަކު ހުރި ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.