ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުންނާއި މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން، ނުވަ މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ގޮސްފިއެވެ.
ބްރޯޑްކޮމްގެ ހިއުމަން ރިސޯސަސް އަދި އެޑްމިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަޙްމަދު ރާޝިދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮމިޝަނުގައި ޖުމްލަ 26 މުވައްޒަފުން މަސައްކަތްކުރާ ކަމަށާއި، މިއަދު މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ ތެރެއިން ނުވަ މުވައްޒަފުން ވަނީ މަސައްކަތް ދޫކޮށް ގެއަށް ގޮސްފައެވެ.
އޭނާ ވިދާޅުވީ މުވައްޒަފުން މަސައްކަތް ހުއްޓާލީ ކޮމިޝަނުގެ މެންބަރުން ގިނަ ފަހަރު މުވައްޒަފުންނާމެދު އިންސާފުވެރިކޮށް ކަންތައް ނުކުރާތީ ކަމަށެވެ. ރާޝިދު ވިދާޅުވީ މެންބަރުން އަބަދުވެސް މުވައްޒަފުންނަކީ ނާގާބިލު ބައެއްކަމަށް ތުހުމަތުކުރަމުންދާ ކަމަށާއި، އަދި މުވައްޒަފުންނަށް އެއްވެސް އިޙްތިރާމެއް ނުކުރާ ކަމުގައެވެ.
ރާޝިދު އިތުރަށް ފާހަގަކުރެއްވީ، ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ ސަސްޕެންޑް ކުރިކަން ވެސް އިދާރީ މުވައްޒަފުންނަށް ރަސްމީކޮށް އަންގާފައިނުވާ ކަމަށާއި، އެކަން އެނގުނީ މީޑިއާތަކުން ޚަބަރު ފެތުރުނު ފަހުންކަމަށެވެ.
މި މައްސަލައާ ގުޅިގެން، ބްރޯޑްކޮމްގެ 18 މުވައްޒަފުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ. މި ޕެޓިޝަން ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. ޕެޓިޝަނުގައި ބަޔާންކޮށްފައިވަނީ ކޮމިޝަނުގެ ރައީސް ސޮފާ ޝަފީޤު އަދި ބައެއް މެންބަރުން އިދާރީ ހިންގުމުގެ ކަންކަމަށް ހުރަސްއަޅަމުންދާ ކަމަށާއި، އިދާރީ އޮނިގަނޑަށް އިޙްތިރާމް ނުކުރާ ކަމަށެވެ.
ރާޝިދު ވިދާޅުވީ، ބްރޯޑްކޮމްގެ އިދާރީ މުވައްޒަފުންގެ ޙައްޤުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ