ރާއްޖެޓީވީން ބްރޯޑްކާސްޓްކުރި "އެމްޑީޕީ ކުއްލި އެއްވުން" ލައިވްކުރި މައްސަލާގަ ޖަވާބުދާރީވާން އަންގައިފި

ރާއްޖެޓީވީން ބްރޯޑްކާސްޓްކުރި "އެމްޑީޕީ ކުއްލި އެއްވުން" ލައިވްކުރި މައްސަލާގަ ޖަވާބުދާރީވާން އަންގައިފި

Author
ހުސައިން
18 މެއި 2025 03:54
0

ރޯދަމަހު ރާއްޖެޓީވީން ލައިވްކޮށް ގެނެސްދިން އެމްޑީޕީ ކުއްލި އެއްވުމުގެ މުޒާހަރާގައި ބްރޯޑްކާސްޓް ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފަށް ބައެއް ވާހަކަތައް ހިމެނިފައިވާ ކަމަށް ފާހަގަކުރެވި، މި މައްސަލައަށް ޖަވާބުދާރީވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ރާއްޖެޓީވީއަށް އަންގައިފިއެވެ.

ބްރޯޑްކޮމްއިން މިމަހުގެ 12 ވަނަ ދުވަހު ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދަށް ފޮނުވި ސިޓީގައި ވާގޮތުން، 9 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 10:00 އަށް ރާއްޖެޓީވީން ބްރޯޑްކާސްޓްކުރި "އެމްޑީޕީ ކުއްލި އެއްވުން" ގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ވާހަކަތަކެއް ހިމެނޭކަން ފާހަގަކުރެވި، އެ މައްސަލަ ބެލުމަށް 22 އޭޕްރީލް 2025 ގައި ކޮމިޝަނުން ނިންމާފައިވެއެވެ.

މި މައްސަލައިގައި ބްރޯޑްކޮމްގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެޓީވީން އެ ކޮންޓެންޓް ގެނެސްދިނުމުގައި ކޯޑް އޮފް ޕްރެކްޓިސްގެ ތިން ހަމައަކާ ހިލާފުވެފައިވެއެވެ. އެއީ:

  • ދެވަނަ ހަމައިގެ (1): "މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް ޢާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން"
  • ދެވަނަ ހަމައިގެ (2): "އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުން"
  • ތިންވަނަ ހަމައިގެ (1): "މީހެއްގެ ނުވަތަ ބައެއްގެ ޙުރުމަތް ކެނޑިދާފަދަ ނުވަތަ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުން"

މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް 20 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ފުރުޞަތު ދީފައިވާކަމަށް ބްރޯޑްކޮމްއިން ބުނެއެވެ. އަދި މި މުއްދަތުގައި ޖަވާބުދާރީވުމަށް އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އިތުރު މުއްދަތަކަށް އެދެވިދާނެކަމަށާއި، އެ މުއްދަތުގައި ޖަވާބުދާރީނުވާނަމަ ލިބިފައިވާ ލިޔެކިޔުންތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެކަމަށް ބުނެފައިވެއެވެ.

މިހާރުގެ ސަރުކާރުގައި ބްރޯޑްކޮމްއިން ގިނަ މައްސަލަތަކެއް ރާއްޖެޓީވީއާ ގުޅިގެން ބަލަމުންދާކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި މި މަހުގެ 8 ވަނަ ދުވަހު މުޒާހަރާތައް ލައިވްކުރުމާ ގުޅޭގޮތުން ބްރޯޑްކޮމްގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރާއްޖެޓީވީ ޙާޟިރުކުރިއެވެ. މީގެއިތުރުން ރައީސްގެ ދަރިފުޅުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކައެއް ބްރޯޑްކާސްޓްކުރިކަމަށް ބުނެ ބަލަމުންދާ މައްސަލައާއި، "ފުދިއްޖެ، ފުނޑިއްޖެ" ލަވައިގެ މައްސަލަވެސް ހިމެނެއެވެ.

ރާއްޖެޓީވީއާ ގުޅުންހުރި މައްސަލަތައް ބްރޯޑްކޮމްއިން ކުރިންވެސް ބަލާފައިވެއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެޓީވީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.