ގެއްލިގެން ހޯދަމުންދިޔަ 34 އަހަރުގެ އާދަމް އިބްރާހީމް މިއަދު ގދ. ނަޑެއްލާ ކައިރީގައިވާ ފަޅުރަށަކުން ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ހެނދުނު ހާމަކުރި ގޮތުގައި އާދަމް އިބްރާހީމް ވަނީ މެއި 11 ވަނަ ދުވަހުގެ މެންދުރު 14:00 ހާއިރު "އިތުބާރު" ނަމަކަށް ކިޔާ ދޯންޏަކުން ނަޑެއްލާއަށް ފައިބާފައެވެ. ނަމަވެސް އޭނާ އެނބުރި ދޯންޏަށް އައިސްފައި ނުވާތީއާއި، އޭނާގެ އެއްވެސް ޚަބަރެއް ނުލިބުމުން، އެރޭ 22:25 ހާއިރު ފުލުހުންނަށް މި މައްސަލަ ރިޕޯޓް ކުރެވުނެވެ.
މި މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ ޚާއްޞަ ޓީމެއް ވަނީ އެރޭގެ ވަގުތެއްގައި ނަޑެއްލާއަށް ދަތުރުކޮށް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅުރަށްތައް ބަލައި ފާސްކޮށްފައެވެ.
ފުލުހުންގެ ފަރާތުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއަދު ހަވީރު 16:45 ހާއިރު އާދަމް ފެނިފައިވަނީ ނަޑެއްލާ ކައިރީގައި އޮންނަ ފަޅުރަށަކުންނެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކަށް އަދި ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ވަނީ އޭނާ ފެނިފައެވެ. މި ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުން ވެސް މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، މި ހޯދުމުގެ މަސައްކަތުގައި ނަޑެއްލާ ފަޅުތެރެއިން 10 ފަޅުރަށް ބަލައި ފާސްކޮށްފައިވާ އިތުރުން، ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު. ބުނެފައިވާ ގޮތުގާޢީ، އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަޙްޤީޤު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ