އިންޑިއާގެ ބާ އެސޯސިއޭޝަނުންނާއި ދަ ލޯ އެސޯސިއޭޝަން ފޮރ އޭޝިއާ އެންޑް ޕެސިފިކް (ލޯއޭޝިއާ) އަދި ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ގޮވާލައިފިއެވެ.
އިންޑިއާގެ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ކުރިން މި މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ. އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަޙުޤީޤުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތްކަމަށެވެ.
އިއްޔެ ސިއްރުކޮށްގެން ބޭއްވި ކޮމެޓީގައި ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ނުދީ، މަޤާމުން ވަކިކުރުމަށް ޖޭއެސްސީއިން ތައްޔާރުކުރި ރިޕޯޓުގައި އިޖުރާއީ މައްސަލައެއް ނެތްކަމަށް ނިންމާފައިވެއެވެ. ޖޭއެސްސީއިން ބުނެފައިވަނީ ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެކަމަށެވެ.
މި މައްސަލާގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައެވެ. އެ ކައުންސިލުން އެދިފައިވަނީ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއިން ނިންމީ ރަނގަޅަށްތޯ ކަށަވަރުކުރުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރީ މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި، މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. އެއީ 26 ފެބުރުވަރީ 2025 ގައި ޖޭއެސްސީގެ ކުއްލި ބައްދަލުވުމަކުން 10 މިނެޓުގެ ތެރޭގައި ނިންމި ނިންމުމެކެވެ.
މީގެއިތުރުން 4 މާރިޗު 2025 ގައި ރައީސް މުއިއްޒު ޤާނޫނުއަސާސީއާ ޚިލާފުވެއްޖެކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ އިސްތިޢުފާ ދެއްވާފައެވެ. ޙުސްނުއްސުޢޫދުގެ ބަދަލުގައި އެ މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ ޢައްޔަންކުރައްވާފައެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ. ދުސްތޫރީ މައްސަލަތައް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ 7 ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ކޮމެންޓު ފޮނުވާ