ރައްޔިތުން މަޖިލީހުގެ ކޮމެޓީން 2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލް ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ ކޮމެޓީން 2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލް ފާސްކޮށްފި

Author
ހުސައިން
11 މެއި 2025 09:26
0

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް" އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލެއް ފާސްކޮށްފިއެވެ. މި ބިލުގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އުފެއްދުންތައް ވިއްކުން މަނާވާނެއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު އަޝްރަފެވެ. ބިލު ދިރާސާކުރުމަށް ވަގުތީ ކޮމެޓީއެއް އެކުލަވާލެވުނެވެ. މި ކޮމެޓީގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް، ކާށިދޫ ދާއިރާގެ މެމްބަރު މުހައްމަދު މުންތަޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހިމެނެއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް، ކެބިނެޓުން ނިންމާފައިވަނީ 2007 އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާކުރުމަށެވެ. މި ބިލުގައިވާ ގޮތުން 1 ޖެނުއަރީ 2007 ގައި ނުވަތަ އޭގެފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތަކާއި އުފެއްދުންތައް ވިއްކުމަކީ މަނާކަމެކެވެ. މީގެއިތުރުން އުމުރުން 21 އަހަރު ވެފައިވާ މީހުންނަށްވެސް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާވާނެއެވެ. އަދި އެ އުމުރުފުރައިގެ މީހުން ދުންފަތް އުފެއްދުމާއި ވިއްކުމުގެ މަރުހަލާގައި ބައިވެރިކުރުމަކީވެސް މަނާކަމެކެވެ.

ބިލުގައި ދުންފަތް ވިއްކާ ފަރާތްތަކުގެ ޒިންމާތަކެއްވެސް ކަނޑައަޅާފައިވެއެވެ. މިގޮތުން، ލައިސަންސް އޮވެގެން މެނުވީ ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކުމަކީ މަނާކަމެކެވެ. އަދި ގަންނަ މީހާގެ ކާކުކަން ނޭނގޭގޮތަށް، ވެންޑިން މެޝިނަކުން، ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލައިންކޮށް ދުންފަތުގެ އުފެއްދުންތައް ވިއްކުމަކީވެސް މަނާކަމެކެވެ.

ދުންފަތުގެ ވިޔަފާރިކުރާ ތަންތަނުގައި، ދުންފަތް މަނާކުރާ ޖީލުގެ މީހުންނަށް އެ ތަކެތި ނުވިއްކޭނެކަން އަންގައިދޭ ބޯޑެއް ބަހައްޓަންޖެހޭނެއެވެ. އަދި ދުންފަތް ގަންނަން އަންނަ މީހުންގެ އައިޑީކާޑު ބަލައި، ދުންފަތް މަނާކުރާ ޖީލުގެ މީހެއްކަން ނުވަތަ ނޫންކަން ވިއްކާ ފަރާތުން ޔަގީންކުރަންޖެހޭނެއެވެ.

މި ބިލުގެ ދަށުން ދުންފަތް މަނާވާ ޖީލުގެ މީހަކަށް ދުންފަތް ވިއްކުން ހުއްޓުވުމަށާއި އޮންލައިންކޮށް ދުންފަތް ވިއްކާއިރު ކުރަންޖެހޭ ކަންކަމުގެ ގަވާއިދެއް ހެލްތް މިނިސްޓްރީން އެކުލަވާލަންޖެހޭނެއެވެ.

މި ބިލު ގާނޫނަކަށް ހަދައި އަމަލުކުރަން ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެކަމަށް ދޫކުރާ ހާއްސަ ލައިސަންސް ނަގަން ހެލްތް މިނިސްޓްރީން މިމަހުގެ 17 ވަނަ ދުވަހު އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.