ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމި ނިންމުން އަލުން ދިރާސާކުރުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަންއިން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމި ނިންމުން އަލުން ދިރާސާކުރުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަންއިން ގޮވާލައިފި

Author
ހުސައިން
11 މެއި 2025 02:59
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން ދިރާސާކޮށް، ގާނޫނީ ޝަރުތުތައް ހަމަނުވާނަމަ އެ ނިންމުން ބާތިލްކުރުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ)އިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ގޮވާލައިފިއެވެ.

ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިހާރު ދަނީ މައްސަލަ ދިރާސާކުރަމުންނެވެ. ނަމަވެސް ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމަށް ކޮމިޓީން ނިންމާފައިވުމާ ގުޅިގެން ސީއެލްއޭއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ސީއެލްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރުންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ޔަގީންކުރުމުގައި ގާނޫނާއި ގަވާއިދުތަކުގެ ދަށުން އިންސާފު ލިބިދިނުމުގެ މާއްދާތަކަށް ރިއާޔަތްކޮށްފައިވޭތޯ ބަލަންޖެހޭ ކަމަށެވެ. ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ހައްގުތަކުގެ ތެރެއިން އެއްވެސް ހައްގެއް އުނިވެފައިވާނަމަ، އެއީ އިޖުރާއީ އިންސާފުގެ އަސާސީ އުސޫލުތަކާ ޚިލާފުވުންކަމަށާއި، އެފަދަ ހާލަތުގައި މައްސަލަ ބާތިލް ކުރަންޖެހޭނެކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކޮމަންވެލްތުގެ އުސޫލުތަކުގެ ދަށުން ފަނޑިޔާރުން ސަސްޕެންޑްކުރެވޭނީ ނުވަތަ ވަކިކުރެވޭނީ ހަމައެކަނި އެމީހުންގެ ގާބިލުކަން ނެތުމުގެ ސަބަބުން ނުވަތަ ވާޖިބު އަދާކުރުމަށް ނުކުޅެދޭފަދަ އަމަލެއް ހިންގުމުންކަން ސީއެލްއޭއިން ފާހަގަކޮށްފައިވެއެވެ.

އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމުމުގެ ކުރިން، މިދިޔަ ފެބްރުވަރީ 26ގައި އެ ދެ ބޭފުޅުންނާއެކު ފަނޑިޔާރު ހުސްނުއްސުއޫދުވެސް ސަސްޕެންޑްކުރެވުނު ނަމަވެސް، ހުސްނުއްސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާދެއްވާފައެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރެވުނީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުގައި ބަލަމުންދަނިކޮށެވެ.

ސީއެލްއޭއިން ޝަރުޢީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް އޮތް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އިޙްތިރާމްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައި، ރާއްޖޭގެ ބާކައުންސިލާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ކޮމަންވެލްތު ސެކްރެޓަރީއާއި ޝަރުޢީ ދާއިރާގެ ޚާއްސަ ރިޕޯޓަރާ ގުޅިގެން މި މައްސަލަ ބަލަމުންގެންދާނެކަމަށް ބުނެފައިވެއެވެ.

ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ ހުރިހާ ގައުމެއްގައި ގާނޫނުގެ ހުކޫމަތު ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.