ދުނިޔެ މިއަދު ހޯދަމުންދާ ތަރައްޤީއާއި ކުރިއެރުމުގެ ޙަޤީޤީ ބަޠަލުންނަކީ މަންމައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވެމުންދާ މަންމައިންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" މެދުވެރިކޮށް ޚާއްޞަ މެސެޖެއް ހިއްސާކުރައްވާއެވެ.
ރައީސް މުއިއްޒުގެ މެސެޖްގައި ފާހަގަކުރައްވާފައިވަނީ މަންމައިންގެ ދުވަހަކީ ދުނިޔޭގައި އެންމެ އަގުހުރި ޤުރުބާނީއާއި މައިވަންތަކަމުގެ ލޯތްބާއި އޯގާތެރިކަން ހަނދާންކޮށްދޭ މުހިންމު ދުވަހެއް ކަމަށެވެ. އަދި މި ޚާއްޞަ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ މަންމައިންނަށް ހެޔޮ ދުޢާތަކާއެކު އަރިސްކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަންމައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ ދެވަނަ އާދީއްތަ ދުވަހުގައެވެ. އެހެންނަމަވެސް، އެކި ޤައުމުތަކުގައި މި ދުވަސް ފާހަގަކުރާ ތާރީޚްތައް ތަފާތެވެ. މިގޮތުން، ގިނަ އަރަބި ޤައުމުތަކުގައި މަންމައިންގެ ދުވަސް ފާހަގަކުރަނީ މާރިޗު 21 ވަނަ ދުވަހު ކަމަށްވާއިރު، ތައިލެންޑުގައި އެ ދުވަސް ފާހަގަކުރަނީ އޮގަސްޓް 12 ވަނަ ދުވަހުއެވެ.
މަންމައިންނަކީ ދަރިންގެ ކުރިއެރުމަށާއި މުޖުތަމަޢުގެ ބިނާކުރުމަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކެއް ކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ