ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި ޒިންމާ އުފުލުމަށް ކުޑަކުދިންނަށް ހިތްވަރު ދިނުމުގެ މުހިންމުކަން ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ފާހަގަކުރައްވާއިފިއެވެ. ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އޭނާ ވިދާޅުވެފައިވަނީ ބެލެނިވެރިން ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ، ދެފަރާތުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ކުދިންގެ ހިތްތަކުގައި އުފާވެރިކަމާއި ރައްކާތެރިކަމުގެ އިހުސާސް އުފެދިގެންދާނެ ކަމެއްކަމަށެވެ.
ނިއުމާތު ވިދާޅުވިގޮތުގައި ބެލެނިވެރިންނާއެކު ވަގުތު ހޭދަކުރުމުން ކުދިންނަށް އެކުދިންގެ ޝުއޫރުތައް ހިއްސާކުރުމަށް ފަސޭހަވެ، ޝަޚުޞިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން ކުދިންނާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ އެކުދިންގެ އުފާވެރިކަމާއި ތަރައްޤީއަށް މަގުފަހިވާނެ ވަގުތުތަކަކަށް ހެދުމުގެ މުހިންމުކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"ޒިންމާ އުފުލުމަށް ކުދިންނަށް ހިތްވަރުދިނުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް" ކަމުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަން ވިދާޅުވިއެވެ.
ހަމައެއާއެކު ކޮންމެ ކުއްޖަކީވެސް ޚާއްޞަ އަމިއްލަވަންތަކަމެއް ލިބިގެންވާ، ތަފާތު ކަންކަން ކުރާހިތްވާ، އަދި ތަފާތު ހުނަރުތަކެއް ލިބިގެންވާ ކުއްޖެއްކަން ނިއުމާތު ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ކުދިންނަށް އަމިއްލައަށް ކުރެވޭނެ ކަންކަން ދެނެގަނެ، އަމިއްލަ އިސްނެގުމާއެކު ކަންކަން ކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ކުޑަކުދިންނަށާއި، ބެލެނިވެރިންނަށާއި، ކުޑަކުދިންގެ ކުރިއެރުމާއި ލާބައަށް މަސައްކަތްކުރާ ފަރާތްތަކަށާއި، އަދި މުޖުތަމަޢުގެ އެންމެހާ ފަރާތްތަކަށް ނިއުމާތު ވަނީ އަރިސްކުރައްވާފައެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" އެވެ.
ކޮމެންޓު ފޮނުވާ