ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެއްގެ ގޮތުގައި އައިޝަތު މުޙައްމަދު އަދި އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ހުސައިން ސާމީ އައްޔަން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ނިންމައިފިއެވެ.
މި މަޢުލޫމާތު ހާމަކުރައްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަދި މީޑިއާ ކޯޑިނޭޓަރު ޝަފީޢު އަޙްމަދެވެ. ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުނު އައިޝަތު މުޙައްމަދަކީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އެންމެ ސީނިއަރ ވަކީލެވެ. އޭނާއަކީ 2011 ވަނަ އަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އައިޝަތު މުޙައްމަދު މި މަޤާމަށް އައްޔަންކުރެއްވުމާއެކު، މިހާރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ދެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުން ތިއްބަވާނެއެވެ. އޭގެ ތެރޭގައި ކުރިން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މަހްމޫދު ސަލީމާއި އައިޝަތު މުޙައްމަދު ހިމެނެއެވެ.
އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުނު ހުސައިން ސާމީއަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ވަކީލެއްގެ ގޮތުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ހުސައިން ސާމީ އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމާއެކު، މިހާރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ޖުމްލަ ފަސް އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އޭގެ ތެރޭގައި ހުސައިން ސާމީގެ އިތުރުން ހުސައިން ނާޝިދު، ޝަމްރާ ޝަމީމް، ޢަބްދުﷲ ރާބިޢު އަދި މަރިޔަމް ފެޒްލީން ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ