ތިނަދޫގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި އަންހެން ބޭކަނބަލަކު އިތުރު ފަރުވާ ހޯއްދެވުމަށް މާލެ ގެނެސްފިއެވެ. ފުލުހުންގެ މަޢުލޫމާތުން އެނގިފައިވާ ގޮތުގައި ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ހާދިސާގައި ސައިކަލް ދުއްވަން އިން 31 އަހަރުގެ އަންހެން ބޭކަނބަލެއްގެ ބޮލަށް ވަނީ ނުރައްކާތެރި އަނިޔާތަކެއް ލިބިފައެވެ. އަނިޔާގެ ކުޑަބޮޑުމިނަށް ބަލާއިރު، އެފަރާތަށް ވަނީ ފުރަތަމަ ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެވިފައެވެ. ނަމަވެސް އިތުރަށް ފަރުވާގެ ބޭނުންވުމާއެކު، އެމަޖެންސީކޮށް މާލެ ގެނެސް މިހާރު ވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، އަނިޔާވި އަންހެން މީހާގެ ޙާލަތު މިހާރު ވަނީ ރަނގަޅުވަމުންނެވެ. މިކަން ފުލުހުންނަށް އަންގަވާފައިވަނީ އެފަރާތުގެ ޢާއިލާއިންނެވެ. މި ހާދިސާއާ ގުޅިގެން ކާރު ދުއްވި ފަރާތް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރެވިފައިވާކަން ވެސް ފުލުހުން ފާހަގަކުރައްވައެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙްޤީޤު ކުރެވެމުންނެވެ.
ކޮމެންޓު ފޮނުވާ