ޕާރތުން ލަންޑަނަށް ދަތުރުކުރަމުން ދިޔަ ޤަންޓާސް އެއަރލައިންގެ ފްލައިޓެއް މެޑިކަލް އިމަޖެންސީއަކާ ގުޅިގެން ރާއްޖެއަށް ޑައިވާޓްކޮށްފިއެވެ. ހޯމަ ދުވަހުގެ ރޭ ޕާރތުން ފުރި ކިއުއެފް 9 ފްލައިޓް، ފުރިތާ 8 ގަޑިއިރު ފަހުން ވަނީ ރާއްޖެއަށް އައިސްފައެވެ. ޤަންޓާސްގެ ފަރާތުން މި މަޢުލޫމާތު ކަށަވަރުކޮށްދީފައިވާއިރު، މެޑިކަލް އިމަޖެންސީގެ ތަފްސީލާއި އެހީތެރިކަން ބޭނުންވި ފަރާތުގެ މަޢުލޫމާތު އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.
އެއަރލައިންގެ މަޢުލޫމާތުން ދޭހަވާގޮތުގައި މި ފްލައިޓުގައި 236 ފަސިންޖަރުންނާއި ފުލް ކްރޫ ދަތުރުކުރެވޭނެ ކެޕޭސިޓީ ހުރި ނަމަވެސް، ފްލައިޓުގައި އެވަގުތު ތިބީ ކިތައް މީހުންކަން އަދި ސާފުވެފައެއް ނުވެއެވެ. މިހާރު ރާއްޖޭގައި ތިބި އެ ފަސިންޖަރުން މިވަގުތު ދަނީ އެހެން ފްލައިޓްތަކަށް އިންތިޒާރު ކުރަމުންނެވެ.
ޤަންޓާސްއިން ވަނީ ލަންޑަނުން ސްޓާފުން ރާއްޖެއަށް ފޮނުވައި، ފަސިންޖަރުންނަށް އެހީތެރިވުމަށް މަސައްކަތް ފަށާފައެވެ. "ޕާރތު-ލަންޑަން ފްލައިޓް ވަނީ ފްލައިޓުގައި ދިމާވި މެޑިކަލް ހާދިސާއަކާ ގުޅިގެން މާލެއަށް ޑައިވާޓްކޮށްފައި" ކަމަށް ޤަންޓާސްގެ ތަރުޖަމާނެއް ނޫސްވެރިންނަށް ބުނެފައިވެއެވެ. އަދި "ފަސިންޖަރުންނަށް މާލެއިން ފުރުމަށް އެހެން ފްލައިޓްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ" ކަމަށްވެސް އެ ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކިއުއެފް 9 ފްލައިޓަކީ 18 ގަޑިއިރާ ގާތްކުރާ ވަގުތެއްގައި ހުއްޓުމެއްނެތި ޔޫކޭއާއި ޕާރތު ދެމެދު ދަތުރުކުރާ މަދު ފްލައިޓްތަކުގެ ތެރެއިން އެއް ފްލައިޓެވެ. މި ދަތުރުގައި 14,500 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަޑައްތު ކުރެއެވެ.
ކޮމެންޓު ފޮނުވާ