އާންމުކޮށް މަހުގެ އެއްވަނަ ދުވަހު ޖަމާކުރެވޭ އަތޮޅުތެރޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންގެ މުސާރަ ލަސްވެގެން އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، އިއްޔެ ހަވީރު އެ މުސާރަ ޖަމާކޮށްދީފިއެވެ. "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން ގިނަ އިމާމުން ބުނެފައިވަނީ އިއްޔެ ހަވީރު މިމަހުގެ މުސާރަ ޖަމާކޮށްދީފައިވާ ކަމަށެވެ.
މިފަހަރު މުސާރަ ލަސްވި ސަބަބާ ގުޅޭ ގޮތުން، އިމާމުން ހިމެނޭހެން އިސްލާމިކް މިނިސްޓްރީން ހަދާފައިވާ ވައިބާ ގުރޫޕެއްގައި އަންގާފައިވަނީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން މުސާރަ ޖަމާކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް މި ނޫހަށް މައުލޫމާތު ދިން އިމާމަކު ބުނެފައި ވެއެވެ.
ބައެއް އިމާމުން ބުނެފައިވަނީ، އާއްމުގޮތެއްގައި ކޮންމެ މަހެއްގެ ވެސް އެއްވަނަ ދުވަހުގެ ކުރިން މުސާރަ ޖަމާވާ ކަމަށާއި، ބަންދު ދުވަހަކާ ދިމާވެއްޖެނަމަ އޭގެ މާކުރިން ވެސް ޖަމާކޮށްދޭ ކަމަށެވެ. މިމަހު މުސާރަ ލަސްވުމުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ބައެއް ބިލުތައް ވެސް ނުދެއްކުނު ކަމަށް އެ އިމާމު ބުނެފައިވެއެވެ.
އަތޮޅުތެރޭގެ އިމާމުންނަށް އިއްޔެ މުސާރަ ޖަމާކޮށްދިން ނަމަވެސް، މާލޭގެ މިސްކިތްތަކުގެ އިމާމުންނަށް އޭގެކުރިން ވަނީ މުސާރަ ޖަމާކޮށްދީފައެވެ. މުސާރަ ލަސްވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ