ރާއްޖޭގެ މީޑިއާ މަސައްކަތްތެރިންނަށް އިންޑިއާގައި މަލްޓިމީޑިއާ ޖާނަލިޒަމް ކޯހުގެ ފުރުޞަތު ހުޅުވައިލައިފި

ރާއްޖޭގެ މީޑިއާ މަސައްކަތްތެރިންނަށް އިންޑިއާގައި މަލްޓިމީޑިއާ ޖާނަލިޒަމް ކޯހުގެ ފުރުޞަތު ހުޅުވައިލައިފި

Author
ހުސައިން
06 މެއި 2025 08:33
0

ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސައުތު އޭޝިއަން ފައުންޑޭޝަނުން އިންޑިއާގެ ޗެންނާއިގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްގައި "ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑިއާ ޖާނަލިޒަމް" ކޯސް ފުރިހަމަކުރުމަށް ސްކޮލަރޝިޕް ފުރުޞަތެއް ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކޯހަށް ޝަރުތު ހަމަވާ ދެ ފަރާތެއް ހޮވުމަށް ޝޯޓްލިސްޓް ކުރާނީ ކޮމިޝަނުންނެވެ. ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް އާ ހިއްސާކުރުމުން، އެ ފަރާތުން އިންޓަވިއުކޮށް އެންމެ މޮޅު އެކެއް ނުވަތަ ދެ ދަރިވަރަކު މި ކޯހަށް ހޮވާނެއެވެ.

2025-2026 އަކަށް ހަމަޖެހިފައިވާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 28 ޖޫން 2025 ގައި ކަމަށާއި، ކޯސް ނިމޭނީ 3 މެއި 2026 ގައިކަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ހޮވޭ ފަރާތްތަކަށް އިންޑިއާގެ ޗެންނާއިއަށް ދިއުމަށް ޓިކެޓްގެ އިތުރުން އެކޮމޮޑޭޝަން ޚަރަދާއި، ކެއުމުގެ ޚަރަދާއި، އަދި ޕޮކެޓް މަނީ ލިބިދެވޭނެކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ކޯހަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ބެޗިލާރސް ޑިގްރީ ފުރިހަމަކޮށްފައިވުމާއި، އިނގިރޭސި ބަހަށް ފަރިތަކަމާއެކު ލިޔަންކިޔަން ދަންނަ މީހަކަށްވުން ހިމެނެއެވެ. ކޯހަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކަވަރ ލެޓަރ، ޕާސްޕޯޓް ސައިޒް ފޮޓޯ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެޓެސްޓްކޮށްފައިވާ ބެޗިލާރސް ޑިގްރީގެ ކޮޕީ ހިމެނެއެވެ.

މި ކޯހަށް ޝައުގުވެރިވާ ފަރާތްތަކުން 15 މެއި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޝަނަށް އެޕްލިކޭޝަން ހުށަހެޅުމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.