މާލޭގައި ރޭގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 221 ކާޓަން ވަގު ސިނގިރޭޓު އަތުލައިގަނެވި، މި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާތަކާއި ހިއްސާ ކޮށްފައިވާ މެސެޖުގައި ހާމަކުރި ގޮތުގައި، މި ސިނގިރޭޓުތައް ފެނުނީ ބޮޑުރަސްގެފާނު މަގުގައި ޕިކަޕަކުން އެތަކެތި މަގުމައްޗަށް ބޭލުމަށްފަހު، ޕިކަޕު ސަރަހައްދުން ފިލަން އުޅެނިކޮށެވެ. ފުލުހުން ދެކޭގޮތުގައި މިއީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކެކެވެ.
އާންމުކޮށް ސިނގިރޭޓު ކާޓަނެއްގައި 10 ފޮށި ހިމެނޭތީ، މިފަހަރު އަތުލައިގަނެވުނު އަދަދަކީ ގާތްގަނޑަކަށް 2,210 ފޮށި ސިނގިރޭޓު ކަމަށް ވެއެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ އަތްނުފޯރާވަރަށް އިތުރުކުރުމާއި، ވޭޕް މަނާކުރުމާ ގުޅިގެން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުން ވަނީ މިހާރު ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިއީ ފަހަކަށްއައިސް ހިނގި ހަމައެކަނި މިފަދަ ހާދިސާއެއް ނޫނެވެ. ނިމިދިޔަ އޭޕްރީލް މަހު އެއަރޕޯޓު ތަރައްޤީކުރާ ކުންފުނިން އެތެރެކުރި ކޮންޓެއިނަރަކުން 21 މިލިއަން ރުފިޔާގެ ވަގު ސިނގިރޭޓު އަތުލައިގަނެވުނެވެ. އަދި އައްޑޫއަށް އެތެރެކުރަން އުޅުނު ލައްކައަށްވުރެ ގިނަ ސިނގިރޭޓު ވެސް ފަހަކަށްއައިސް ވަނީ އަތުލައިގަނެވިފައެވެ.
އޭގެއިތުރުން، ކުރިން ޑިއުޓީ ފްރީއިން ވަގަށް ސިނގިރޭޓު ބޭރުކުރަން އުޅުނު މައްސަލައެއްވެސް ފަޅާއަރާފައިވެއެވެ. އެ މައްސަލައިގައި ހިމެނެނީ ފުލުހުންގެ އޮފިސަރުންތަކެއް ކަމަށްވާއިރު، އޭގެތެރޭގައި ސީނިއަރ އޮފިސަރުންވެސް ހިމެނޭކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ