ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަކި ކޮޅަކަށް ޖެހި ޚަބަރު ފަތުރާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަައިފިއެވެ. މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެ މެންބަރުގެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެސްއެމް ހިންގަމުންދަނީ ގައުމީ މީޑިއާއެއްގެ ހައިސިއްޔަތުން ނޫންކަމަށާއި، ވަކި ފަރާތަކަށް ޖެހިގެން ކަމަށެވެ. ޕީއެސްއެމްގެ ގާނޫނުން އެޑިޓޯރިއަލް މިނިވަންކަން ހިފެހެއްޓުމަށް ލާޒިމްކުރާއިރު، މި މިންގަނޑާ ޚިލާފަށް އެތަން ހިންގަމުންދާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
"ޕީއެސްއެމް އިން ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫންވެސް ގައުމަށް މުހިންމު ހުރިހާ ދާއިރާއެއްގައި މައުލޫމާތާއި ޚަބަރު ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްނުދޭކަމަށާއި، ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުނުކޮށް، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނައްތާލާފައިވާކަން" ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ކުޑޫގެ ގަރާރުގައި ބުނެފައިވާ ގޮތުން، ޕީއެސްއެމް އިން ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް ގާނޫނާ ޚިލާފުވަމުންދާތީ، މި މައްސަލައާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް އެދިފައިވެއެވެ. ގަރާރުގައި ބުނެފައިވާ ގޮތުން، "މިއީ ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރު ކަނޑުވާލައި، ގާނޫނަށް ޢަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭފަދަ ކަމެއްކަމަށާއި، ގައުމުގެ މަސްލަހަތު ހިމެނޭ މައްސަލައެއް" ކަމަށެވެ.
ޕީއެސްއެމްއަކީ ރައްޔިތުންގެ ފައިސާއިން ހިންގާ، ވަކި ގާނޫނަކުން އުފައްދާފައިވާ ކުންފުންޏެއް ނަމަވެސް، މިހާރު އެތަން ހިންގަމުންދަނީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ތަނެއްގެ ގޮތުގައި ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. މީގެ ކުރިން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޖަމްޢިއްޔާއަކުން ސަރުކާރަށް ފާޑުކިޔުމުން، އެ ޕްރޮގްރާމް ވަގުތުން ހުއްޓާލާފައިވާކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ