ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުަރާނެކަމަށް ލަފާކޮށްފި

ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުަރާނެކަމަށް ލަފާކޮށްފި

Author
ހުސައިން
05 މެއި 2025 07:35
0

ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މިހާރު މިވަނީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރު ކަމަށްވުމާއެކު، ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ދެކުނުގެ ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި މާދަމާއިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ބައެއް ހިސާބުތަކުގައި އާންމުކޮށް ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވުމުގެ ފުރުސަތުވެސް އޮތްކަން މެޓް އޮފީހުގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. ވީމާ، މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދާނެއެވެ. ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމާއި، މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެން ދިޔުމެވެ.

އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެންދިޔުމަކީވެސް ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.