ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި ފާއިތުވި މަހު އެކަނިވެސް 39 މީހަކު ޖޫރިމަނާކުރި

ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި ފާއިތުވި މަހު އެކަނިވެސް 39 މީހަކު ޖޫރިމަނާކުރި

Author
ހުސައިން
05 މެއި 2025 03:24
0

ފުލުހުން މިއަދު ހާމަކުރި ގޮތުގައި މިދިޔަ އޭޕްރީލް މަހު ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި 39 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. މި ޖޫރިމަނާތަކުގެ ޖުމްލަ އަދަދަކީ 192،500 ރުފިޔާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މީގެ ސަބަބުން ވޭޕް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ވޭޕު މަނާކުރި ފަހުންވެސް ގިނަ ފަހަރު މަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕާއި އެއާ ގުޅުން ހުރި ސާމާނު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ވޭޕް ބޭނުންކުރުމާއި، ވިޔަފާރިކުރުމާއި އަދި ހިލޭ ބެހުމުން ކުރެވޭ ޖޫރިމަނާތައް ވަރަށް ބޮޑެވެ. ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރުމުން 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރި ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

ވޭޕް ވިއްކުމުން 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން އިތުރަށް ޖޫރިމަނާ ކުރެވޭނެއެވެ. ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ޚާއްސަކޮށް ވޭޕް ވިއްކުމާއި ހިލޭ ބެހުން ކުޑަކުއްޖަކަށް ކަމަށްވާނަމަ، އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ފުލުހުން މިކަމާ ގުޅިގެން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ ވޭޕް ބޭނުންކުރުމާއި، ވިޔަފާރިކުރުމާއި އަދި ގެންގުޅުމުން ދުރުހެލިވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.