ތަޢުލީމީ ދާއިރާގެ ހުއްޓިފައިވާ މަޝްރޫޢުތަކަށް 260 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާ ޚަލާސްކޮށްފިން: ޝަފީޢު

ތަޢުލީމީ ދާއިރާގެ ހުއްޓިފައިވާ މަޝްރޫޢުތަކަށް 260 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާ ޚަލާސްކޮށްފިން: ޝަފީޢު

Author
ހުސައިން
05 މެއި 2025 03:22
0

ވިދާޅުވެފައިވަނީ ތަޢުލީމީ ދާއިރާގައި ހުއްޓިފައިވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް އަލުން ފެށުމަށް ސަރުކާރުން 260 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ފާހަގަކުރެއްވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސްކޫލްތަކުގެ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ 280 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. "ޕްރޮޖެކްޓުތައް ލަސްވީ ފައިސާ ނުދެވި ވަރަށް ގިނަ ދުވަސް މިދިޔަ ސަރުކާރުން ވެގެން ދިޔައިމަ" ކަމަށާއި، މިހާރު އެމްޑީޕީ ސަރުކާރުން ނުދީވާ ފައިސާގެ ތެރެއިން 17 މިލިއަން ރުފިޔާ ފިޔަވައި އެހެން ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ލަސްވާނަމަ، ކުންފުނި ޓާމިނޭޓްކޮށް، އެހެން ފަރާތަކާ ހަވާލުކޮށްގެން ވެސް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. މިހާރުވެސް ބައެއް ސްކޫލްތަކުގެ ހުއްޓިފައިވާ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ގިނަ ދާއިރާތަކުގެ ސްކޫލް ޕްރޮޖެކްޓުތައް މިހާރު ވަނީ ނިމިފައި ކަމަށާއި، ކުލާސްރޫމްތައް ފިނިކުރުމުގެ މަޝްރޫޢު ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގެ ދައުރުގައި 100 އަށްވުރެ ގިނަ މަޝްރޫޢު ފަށާފައިވީނަމަވެސް، މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ގޮތަށް ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ 15 އިންސައްތަ ފައިސާ ގިނަ މަޝްރޫޢުތަކުގައި ދެއްކޭނެހެން ބަޖެޓުކޮށްފައިނުވާ ކަމަށް ވަޒީރު ކުރިން ފާހަގަކުރައްވާފައިވެއެވެ.

އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތަކުގެ ޢިމާރާތްތައް ދުވަސްވުމާއި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް، ސްކޫލްތަކަށް ޖާގަ އިތުރުކުރުމުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާގައި ސްކޫލްތަކާއި ޔުނިވަރސިޓީތައް ތަރައްޤީކުރުމަށް 499 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.