ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ރައީސް ނިންމަވައިފި

Author
ހުސައިން
05 މެއި 2025 11:43
0

މ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާއިފައެވެ. މި ނިންމެވުން ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރަތްމަންދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށާއި، މެޖޯރިޓީ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ހުރިހާ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރަތްމަންދޫގެ ރަޖިސްޓްރީގައި ޖުމްލަ 239 މީހުން ތިބިއިރު، އޭގެ ތެރޭގައި 118 އަންހެނުންނާއި 121 ފިރިހެނުން ހިމެނެއެވެ. ނަމަވެސް މިވަގުތު ރަށުގައި ދިރިއުޅެމުން ގެންދަނީ 100 އެއްހާ މީހުންނެވެ.

ރަށުގެ ހާލަތަށް ބަލާއިރު، ރަށުގައި ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތައް ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. ސްކޫލުގައި ކިޔަވައިދެނީ ހަމައެކަނި ގްރޭޑް 6 އާ ހަމައަށް ކަމަށާއި، މުޅި ސްކޫލުގައި ކިޔަވަނީ އެންމެ ހަތަރު ކުދިން ކަމަށާއި، އެ ކުދިންނަށްވެސް އެކަށީގެންވާ ތަޢުލީމެއް ލިބޭނެ ފެންވަރެއް ރަށުގައި ނެތެވެ. އަދި ސިއްޙީ މަރުކަޒުންވެސް އެކަށީގެންވާ ފަރުވާއެއް ލިބެން ނެތެވެ.

ރަށުގެ ބަނދަރުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވީނަމަވެސް، މިހާރުވެސް ރަށަށް ލަފާފުރުމަށް ބޭނުންކުރަނީ ޖެޓީއެވެ.

މީގެ އިތުރުން، ހދ. ހިރިމަރަދޫ ރައްޔިތުންވެސް އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި، އެ ރަށުގެ ރައްޔިތުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހަނިމާދޫއަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.