ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ. ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ ދެ ސިޓީ ވަކިވަކިން އިއްވާފައިވެއެވެ.
މި މައްސަލައާ މެދު ގޮތެއް ނިންމާނީ ޖުޑީޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. ޖުޑީޝަރީ ކޮމިޓީގެ ޖަލްސާ ފެށުމަށް ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. ޖޭއެސްސީން މި ފަނޑިޔާރުން ވަކިކުރުމަށް ފެންނަ ކަމަށް ވަނީ އާދީއްތަ ދުވަހު ފާސްކޮށްފައެވެ.
ޖޭއެސްސީން މި މައްސަލަ ބެލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލީ އަބްދުލަތީފް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙު، އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުޙައްމަދެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޖޭއެސްސީގެ ތަޙުޤީޤު ޓީމުން މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމާފައިވަނީ 17 އެޕްރީލްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ނިންމުން ބިނާވެފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤު ރިޕޯޓަށެވެ.
އެހެންނަމަވެސް، މައްސަލަ ބެލުމުގައި އަޒްމިރަލްދާގެ ފަރާތުން ހުށަހެޅި އެއްވެސް ދިފާއީ ހެއްކެއް ބަލައިގަނެފައިނުވާކަމަށާއި، މައްސަލަ ނިންމުމުގައިވެސް އޭނާގެ ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އަޒްމިރަލްދާ ވަކިކުރެވޭނެ ގޮތަކަށް މައްސަލަ ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ތަޙުޤީޤު ކޮމިޓީއަށް އަންގަވާފައިވާކަމަށާއި، ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކުރިން، 26 ފެބްރުއަރީ 2025 ގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ އަޒްމިރާލްދާ ޒާހިރު، ހުސްނުއްސުއޫދު އަދި މަހާޒް އަލީ ޒާހިރު ސަސްޕެންޑްކުރެވުނެވެ. މި ސަސްޕެންޝަން އައީ މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައެއްގެ އަޑުއެހުން ތާވަލުކުރެވި، ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ ކުއްލި ބައްދަލުވުމެއްގައި 10 މިނެޓުގެ ތެރޭގައެވެ.
އޭގެފަހުން، 4 މާރޗް 2025 ގައި، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، ރައީސް މުއިއްޒު ޤާނޫނުއަސާސީއާ ޚިލާފުވެއްޖެކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފައެވެ. މިހާރު އޭނާގެ ބަދަލުގައި އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަންކުރެވިފައެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ 7 ފަނޑިޔާރުންގެ ބަދަލުގައި 5 ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން، ބާ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، މިއީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން ކުރާ ކަމެކެވެ.
ކޮމެންޓު ފޮނުވާ