ރާއްޖެއަކީ ސްމާޓް ޖަޒީރާ ޤައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ޤާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިފަދައިން ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މި މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމަށާއި، ދިވެހިން މި އާދަޔާ ޚިލާފު ދަތުރު ފެށީ ސާފު އަމާޒެއް ހިފައި، ޔަޤީންކަމާއެކު، އީޖާބީ ވިސްނުމެއްގައި ކަމަށެވެ.
އަދި ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ޤައުމެއް ނޫން ކަމަށާއި، ދިވެހިރާއްޖެއަކީ ހިންދު ކަނޑުގެ އިޤްތިޞާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ޤައުމެއް" ކަމަށެވެ. މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަޙައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެމްއައިއެފްސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭ ކަމަށް ހިސާބުތަކުން ދައްކާ ކަމަށާއި، އެއީ ޤައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަރުކަޒަކަށް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްއައިއެފްސީގެ އެހީގައި މުޖުތަމަޢަށް ދިރުން ގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުޞަތުތައް އުފެދިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ މަރުކަޒު ވެގެންދާނީ ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ޤައުމީ މަގުސަދުގެ ތަރިކައަކަށް ކަމަށް ވިދާޅުވިއެވެ.
އެމްއައިއެފްސީގެ ފަރާތުން ވަނީ މި މަޝްރޫޢުގެ ޖުމުލަ ބޮޑުމިނަކީ 780,000 އަކަމީޓަރު ކަމަށާއި، މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބުނެފައެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.
މި މަޝްރޫއު ކުރިއަށްގެންދާނެ ތަނެއް އަދި ހާމަކޮށްފައި ނުވީނަމަވެސް، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް އެމްއައިއެފްސީން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ